Article Top
ޚަބަރު •

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ އަނިޔާއެއް ލިބުނަސް، އެހެން ދީނެއް އެދޭނޭ މީހެއް ނޫން: ޚުތުބާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ އަނިޔާއެއް ލިބުނަސް، އެހެން ދީނެއް އެދޭނޭ މީހެއް ނޫން: ޚުތުބާ

އިސްލާމީ މަރުކަޒުގައި މީގެ ކުރިން ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން.

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ހުކުރު ޚުތުބާގައި ބުނެފައި ވަނީ އިސްލާމްދީނަކީ މާތް ﷲ އަހަރެމެންނަށް ޓަކައި އިޚުތިޔާރު ކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީން ކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާ ކަމަށާއި، އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީ އަށް ބޭނުންވާ އެންމެހާ އިރުޝާދު ތަކެއް ފުރިހަމަވެގެންވާ ދީން ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Article Inside

އިސްލާމްދީނަކީ ހުރިހާ ހެޔޮ ކަމަކަށް ގޮވާލައި، އަދި އެންމެހައި މުންކަރާތްތަކެއް ނަހީކުރާ ދީން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައި އެވެ.  އެހެން ނަމަވެސް، ހިތާމަޔަކީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާ ކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވައިފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވާވުން ކަމަށް ޚުތުބާގައި ފާހަގަކުރި އެވެ. އަދި ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބައަވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެއާއެކު ޚުތުބާގައި ބުނީ، ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށެވެ. ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް އޭނާ ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ސާބިތުވެ ކަމަށް ބުނެފައިވެ އެވެ.

ކީރިތި ރަސޫލާގެ މުއައްޛިނެއް ކަމުގައިވާ بِلَال رَضِيَ الله عَنْه އަށް  ކާފިރުން ދެމުން ދިޔަ އަނިޔާ އޭގެ އިންތިހާ އަށް ދިޔަ ވާހަކަ ޚުތުބާގައި ވަނީ ގެނެސްދީފައި އެވެ. އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި، މައްކާގެ ހޫނު ހިލަބިމުގައި އެކަލޭގެފާނު ދަމަމުން، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރި އެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދެވީ: "أَحَدٌ أَحَدٌ" މިފަދައިން ކަމަށް ޚުތުބާގައި ވަނީ ބުނެފައި އެވެ. އޭގެ މާނައީ: "މާތް الله އެއްކައުވަންތަ އެވެ. މާތް الله އެއްކައުވަންތަ އެވެ."

ހަމަ އެފަދައިން މާތް ޞަޙާބީއެއް ކަމުގައިވާ اَلْـخَبَّابُ بْنُ الْاَرَتِّ އިސްލާމްދީން ޤަބޫލު ކުރެއްވުމުން އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާކުރި އެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްދީނުގައި ސާބިތުވެ ހުންނެވި އެވެ. މުޝްރިކުން އެކަލޭގެފާނަށް ދިން އަނިޔާތަކުގެ ތެރޭގައި، އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމުން ހިމެނެ އެވެ. އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިންނެވެ. މި ހުރިހާ ކަމެއް ހިނގައިދިޔަ އިރު ވެސް، އެކަލޭގެފާނު ހުންނެވީ ސާބިތުކަމާ އެކުގައި ކަމަށާއި، މިއީ އިންތިހާ ދަރަޖައިގެ އަނިޔާ އާއި އުނދަގޫތަކާ އެކުގައި ވެސް، ފުރަތަމަ ޖީލުގެ މުސްލިމުން ދީނުގައި ސާބިތުވެ ތިއްބެވި ގޮތުގެ ބައެއް މިސާލުތައް ކަަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރަށް، އިސްލާމްދީން ހިމާޔަތްކޮށް ދީނީ ދަޢުވަތު ފެތުރުމަށް މުދަލާއި ފުރާނަ އިން އެ ބޭކަލުން ކުރެއްވި ޖިހާދުތައް ހަނދާން ކުރުމަށް ޚުތުބާގައި ގޮވާލެއްވި އެވެ. އެ ބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެ ވަޑައިގަތީ، އެކަމާ އުފާކުރާ ޙާލުގައި ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެ ބޭކަލުންގެ ގެދޮރާއި މުދާ ދޫކުރައްވައި، ދީނަށް ނަޞްރުދެއްވުމަށް ޓަކައި ހިޖުރަކުރެއްވި ކަމަށާއި، އެއީ اللهގެ ފަޟުލުވަންތަކަމާއި ރުއްސެވުން އެދިވަޑައިގެން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް