ޕާކިސްތާނަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ރައީސް ރައްޖެއަށް އެނބުރި ވަޑައިގަތު ފުރާވަޑައިގަތުމުގެ ތެރެއިން ---
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ޕާކިސްތާނުން ފުރާ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕާކިސްތާނުގެ ބޮޑު ވަޒީރު ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށެވެ.
ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނަށް ޕާކިސްތާނުން ވަނީ 21 ބަޑީގެ ސަލާމާއެކުވަނީ ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާކިޔުން އޮތީ ބުދަ ދުވަހުގެ ހެނދުނު ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ހުންނަ އެ ޤައުމުގެ ބޮޑު ވަޒީރު ޝެހެބާޒުގެ ރަސްމީ ގެކޮޅުގައެވެ. ރައީސް މުޢިއްޒު އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ގާޑް އޮފް އޮނާއެއް އަރުވާފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ވެސް ޖަހީ ކުޅެފައިއެވެ.
ބޮޑު ވަޒީރު ޝެހެބާޒުގެ ރަސްމީ ގެކޮޅުގައި އޮތް މަރުހަބާކިޔުމުގެ ރަސްމިއްޔާތު ނިންމުމަށްފަހު ރައީސް ޑރ. މުއިއްޒު ވަނީ ބޮޑުވަޒީރު ޝެހެބާޒުއާއެކު އެ ގެކޮޅުގައި ގަހެއް ވެސް އިންދަވާފައެވެ.

އޭގެ ފަހުން ރައީސް ޑރ. މުއިއްޒު ވަނީ ޕާކިސްތާންގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު މުޙައްމަދު އިސްހާގު ދާރްއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމަށްފަހު ބޮޑު ވަޒީރު ޝެހެބާޒުގެ ގެކޮޅުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ.
ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސޮއި ކުރެވުނު އެމްއޯޔޫ ތަކުގައި މައިގަނޑު ދާއިރާ ތަކުގެ ތެރޭގައި ހިމެނެނީ ޞިއްޙީ ދާއިރާާ އާއި، ތައުލީމީ ދާއިރާ އާއި، ދިފާއީ ދާއިރާ އާއި، ވިޔަފާރީގެ ދާއިރާ އާއި، އިންވެސްޓްމަންޓުގެ ދާާއިރާ އާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި މީހުން ތަަމްރީނުކުރުމުގެ ދާއިރާގެ އިތުރުން މެރިޓައިމް ސެކިިއުރިޓީގެ ދާއިރާ ހިމެނެ އެވެ.
އެމްއޯޔޫ ތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވަނީ، އެކަންކަން އަމަލީ ގޮތުން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. އަދި ރާއްޖެއާ އެކު އޮންނަ ގުޅުން އަބަދު ވެސް ކުރިއަށް ގެންދަވާާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވައިފައެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ޕާކިސްތާންގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން، ރާއްޖޭގެ ރައީސްއަށް ވަނީ އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފައެވެ. އެ ޔުނިވާސިޓީ އިން ބުނެފައި ވަނީ، އެއީ އެމަނިކުފާނު ސިޔާސީ ދާއިރާ އިންނާއި، ޚާރިޖީ ދާއިރާ އިން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެރުވި އޮނަރަރީ ޑޮކްޓަރޭޓެއް ކަމަށެވެ.
ބުދަ ދުވަހު ވަނީ ރާއްޖެއާ ޕާކިސްތާނޭ ދެމެދު ރަސްމީ މަޘްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ބޮޑުވަޒީރު ޝެހެބާޒުގެ ރަސްމީ ގެކޮޅުގައި ބޭއްވި އެ މަޝްވަރާތަކުގައި، ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ވަފުދަށް ޕާކިސްތާން އިން އަދާކުރެއްވި ހޫނު މެހެމާންދާރީ ފާހަގަ ކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައިއެވެ.

މި މަޝްވަރާތައް ނިންމަވާލައްވަމުން، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުން ވެސް ވަނީ އެއްބަސްވެވަޑައިގެންފައި އެވެ. މީގެ ތެރޭގައި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުން ހިމެނެއެވެ.
އިއްޔެ ރައީސް ޑރ. މުއިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލު ކުރައްވައިފައެވެ. ޕާކިސްތާންގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ވަނީ ރައީސް މުޢިއްޒު އަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައިއެވެ.
އިއްޔެ ރައީސް ވަނީ ޕާކިސްތާންގެ ސެނެޓުގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީއާއި ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާ އަޔާޒް ޞާދިޤުއާ ވެސް ބައްދަލުކުރައްވައިފައެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތް ކުރައްވައި ސިއްހީ ދާއިރާއާ ގުޅޭ މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން މެޑަމް ސާޖިދާ ވަނީ ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީ އަށް ޒިޔާރަތް ކުރައްވައި ރާއްޖެއަށް ދިމާވެފައިވާ ބޭސް ނުލިބުމުގެ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ާޕާކިސްތާނަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ފުރާވަޑައިގެންފި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް