ރާއްޖެ ޕާކިސްތާން ބިޒްނަސް ފޯރަމް: 540 ވިޔަފާރިވެރިންނާ އެކު ކާމިޔާބު ފޯރަމެއް
ލިޔުންތެރިޔާ
ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމްގެ ތެރެއިން.
ދިވެހިރާއްޖެ އާާއި ޕާކިސްތާން ބިޒްނަސސް ފޯރަމްގައި 540 ވިޔަފާވެރިވެރިން ބައިވެރިވެފައިވާ ކަމަށާއި، މިއީ މިހާތަނަށް ރާއްޖެ އިން ބޭއްވި އެންމެ ކާމިޔާބު އެއް ފޯރަމް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ބިޒްނަސް ފޯރަމް ބާއްވާފައި ވަނީ ޕާކިސްތާންގެ އިސްލާމްއާބާދުގައި ހުންނަ ސެރީނާ ހޮޓެލްގައި އެވެ.
މި ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާއި، ޕާކިސްތާންގެ ބޮޑު ވަަޒީރު ޝެހްބާޒް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވަނީ ރާއްޖެ އަކީ އިންވެސްޓަރުންނަށް ފަހި ޤައުމެއް ކަމަށާއި، އާބާދީ ކުޑަ ނަމަވެސް ރާއްޖެ އިން އަހަރަކު ދެ މިލިއަނަށް ވެރެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރާ ޤައުމެއް ކަމަށް ވިދާޅުވެފައި އެވެ.
މީގެ އިތުރުން ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮންނަ ވިޔަަފާރި އާއި އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކޮށް، ރާއްޖޭގައި އިންވެސްޓު ކުރުމަށް އެމަނިކުފާނު ވަނީ ފޯރަމްގައި ބައިވެރިވި ފަރާތްތަަކަށް ދައުވަތު ދެއްވައިފަ އެވެ. ރައީސް މުޢިއްޒުގެ އިތުރުން، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒްގެ ވާހަަކަފުޅުގައި ވެސް ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން މިހާތަނަށް އައިއިރު ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސީދާ ދަތުރުފަތުރުގެ ގުޅުން ނެތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ވަޔާއި ކަނޑުގެ މަގުން ދަތުރު ކުރުމުގެ މުހިންމުކަން ބޮޑު ވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަންކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެެ އާއި ޕާކިސްތާންގެ ފޯރަމްގައި ވަނީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ތަކުގެ ފުރުސަތުތައް ފާހަގަކޮށް ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް