ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވީ، މިއީ ރާއްޖެ އާއެކު އޮތް ގުޅުމުން ނަތީޖާ ނެރެންވީ ވަގުތު ކަމަށް
ލިޔުންތެރިޔާ
ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމްގައި ރައީސް މުޢިއްޒު އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ބައިވެރިވެ ވަޑައިގަންނަވަނީ.
މިއީ ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެެމެދު އޮތް ގުޅުމުން ނަތީޖާ ނެރެންވީ ވަގުތު ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވަނީ، ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ނަތީޖާ ނެރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވިދާޅުވެފައި އެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު ޝެހްބާޒް އާއެކު ބުދަ ދުވަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި އެމަނިކުފާނު ވަނީ، ރާއްޖެ އާއެކު މިހާރު އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
އެކަަމަށް އިޝާރާތް ކުރައްވައި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ވިޔަފާރި 200 މިލިއަން އެމެރިކާ ޑޮލަރަށް ގެންދިޔުމަށް އެއްބަސްވެފައިވާ ކަމަށާއި، މިހާރު އޮތީ އެކަމަށް ފުރުސަތު ހުޅުވިފައި ކަމަށެވެ. އެއާއެކު މިއީ، ދެ ޤައުމު ގުޅިގެން ނަތީޖާ ނެރެންވީ ވަގުތު ކަމަށް ވެސް ޝެހްބާޒް ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ވަޔާއި ކަނޑުގެ މަގުން ވެސް ގުޅުން އޮންނަން ޖެހޭކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސީދާ ގޮތުން ދަތުރުން ގުޅިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)، ނުވަތަ އެހެން އެއާއިންތައް މެދުވެރިކޮށް ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސީދާ ގޮތުން ދަތުރުތައް ފެށުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އަންގަވާފައިވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.
އެ ފޯރަމްގައި އިތުރަށް ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ޝެހްބާޒް ވަނީ، ޕާކިސްތާންގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ އަށް ދަތުރު ކުރާނެ ކަމަށް ވިދާޅުވެފައި އެވެ. ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސޮއި ކުރެވުނު 20 އެމްއޯޔޫ އަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އަމަލީ ގޮތުން އެކަންކަން ހާސިލު ކުރުމަށް އިސްކަން ދެއްވާ ކަމަަށެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ދަތުުރުފުޅާ އެކު، ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައި އެވެ. އަދި 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ވަޑައިގެންނެވުމުން، އެ ޤައުމުގެ ރައްޔިތުންނާއި، ސަރުކާރު ވެސް އޮތީ ވަރަށް އުފަލުން ކަމަށް ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް