ޕާކިސްތާން ދަތުރު ކާމިޔާބު، ނަތީޖާ ވެސް ރަނގަޅު: މުންދު
ލިޔުންތެރިޔާ
ޕާކިސްތާން އަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅެއްގެ ބައްދަލުވުމުގައި މުންދު ބައިވެރިވެ ވަޑައިގަންނަވަނީ.
ރައީސް ޑޮކްޓަރު މުޙައްމަދު މުއިއްޒު ޕާކިސްތާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ކާމިޔާބު ދަތުރެއް ކަަމަށާއި، އެ ދަތުރުފުޅުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރައީސްގެ އަރިހުގައި ޕާކިސްތާން އަށް ވަޑައިގެންނެވި ވަފުދުގައި ވެސް މުންދު ހިމެނިވަޑައިގަންނަވާއިރު، މީޑިއާ އަކަށް ދެއްވި އިންޓަވިޔުއެއްގައި މުންދު ވިދާޅުވީ އެއީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. މުންދު ވިދާޅުވީ އަންދާޒާ ކުރި ވަރަށް ވުރެ ވެސް، ދަތުރުގެ ނަތީޖާ ރަނގަޅު ކަމަށެވެ.
އެގޮތުން ދިވެހި ސަރުކާރުން މި ދަތުރަށް ވީ ތައްޔާރާއި، އެކަމަށް އޮތް ޝައުޤުވެރިކަމަށް ބަލާއިިރު، ޕާކިސްތާން އިން ފެނުނު ޝައުޤުވެރިކަން ކުޑަ ނޫން ކަމަަށް ވެސް މުންދު ވިދާޅުވި އެވެ. ޕާކިސްތާން އިން ވެސް އެ ދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، އެ ޤައުމުން ވެސް ވަރަށް އިސްކަން ދީގެން ދަތުރުގެ ކަންކަން ކުރިއަށް ގެންދިޔަ ކަމަށް މުންދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަންދާޒާ ކުރި ވަރަށް ވުރެ ވެސް ދަންނަވަން ޖެހޭނީ ނަތީޖާ ރަނގަޅޭ. އޭގެ އަސްލަކީ އަޅުގަނޑުމެން މި ދަތުރަށް ތައްޔާރުވީ މިންވަރާއި، މިކަމަށް ބެހެއްޓި ޝައުޤުވެރިކަމާ އަޅައި ބަލާއިރު، އެންމެ ތަންފުކެއް ވެސް ޕާކިސްތާންގެ ފަރާތުން ދެއްވި ޝައުޤުވެރިކަމާއި ވީ ތައްޔާރީ ކުޑައެއް ނޫން. އެބޭފުޅުން ވެސް ހަމަ އެހާ އިސްކަން ދެއްވައިގެން ދަތުރުގެ ކަންކަން ގެންދެވީ،" ސަރުކާރުގެ އިސް ތަރުޖަމާނު މުންދު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެ މެދުގައި ވަނީ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައި އެވެ. އެކަމަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ، އެއީ އާންމުކޮށް ވާ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ފެނުނީ، ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ކުރިއަށް ގެންދަން ޕާކިސްތާން އިން ވެސް ޝައުޤުވެރިކަމާ އެކު ގިނަ މަސައްކަތްތަކެއް ކުރި މަންޒަރު ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާން އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަަމަށްވާއިރު، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް އާއި އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް