ބިލީޖީން ކިންގް ކަޕްގައި ރާއްޖޭން ފުރިހަމަ ފެށުމެއް
ލިޔުންތެރިޔާ
ފުރަތަމަ ދެ މެޗުގައި ކުޅުނު ކަރިން (ކ) އާއި ކިޔާރާ (ވ) -- ފޮޓޯ/ޓެނިސް އެސޯސިއޭޝަން
ޕާކިސްތާނުގައި ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް ޓެނިސް މުބާރާތުގައި ވާދަކުރަމުން އަންނަ ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓެނިސް ޓީމު ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ފުރަތަމަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. އެގޮތުން ފުރަތަމަ ސިންގަލްސް މެޗު ކިޔާރާ އުސާމާ އަލީ 6-1، 6-1 އިން ކާމިޔާބުކުރިއިރު، ދެވަނަ ސިންގަލްސް މެޗު އައިޝަތު ކަރިން ސައިޒާން ކާމިޔާބުކުރީ 6-0، 6-1 އިންނެވެ. އަދި ޑަބަލްސް މެޗުގައި ކަރިން އާއި ކިޔާރާގެ ޕެއާ ވަނީ 6-0، 6-1 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުވެސް ރާއްޖެއިން ކާމިޔާބުކުރީ 3-0 ގޭމުންނެވެ. މި މެޗުގެ ފުރަތަމަ ސިންގަލްސް މެޗު ކިޔާރާ ކާމިޔާބުކުރީ 6-1، 6-0 އިންނެވެ. އަދި ދެވަނަ ސިންގަލްސް މެޗު ކަރިން ކާމިޔާބުކުރީ 6-0، 6-1 އިންނެވެ. ޑަބަލްސް މެޗުގައިވެސް ކިޔާރާ އާއި ކަރިންގެ ޕެއާ ވަނީ 6-0، 6-1 އިން މޮޅުވެފަ އެވެ.
އޮކްޓޫބަރު 21 އިން 26 އަށް ކުރިއަށްދާ މި މުބާރާތުގައި އޭޝިއާ /އޯޝޭނިއާ ގުރޫޕް 3 ގެ ޒޯން ބީގައި ރާއްޖެ ހިމެނިފައިވަނީ ބަހްރެއިން، ޕާކިސްތާން އަދި ބޫޓާނާ އެއް ގްރޫޕެއްގަ އެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމު ތަމްސީލުކުރަނީ ނަޔާރާ އުސާމާ އަލީ، ނަބާ ނިޝާން، ކިޔާރާ އުސާމާ އަލީ އަދި އާއިޝަތު ކަރިން ސައިޒާން އެވެ. ޓީމުގެ ކެޕްޓަނަކީ އަހުމަދު ސާއީ ވަހީދު ކަމުގައިވާއިރު، ގައުމީ ޓީމުގެ ކޯޗަކީ އީރާނުގެ އަލީ ރިޒާއެވެ.
ރާއްޖޭގެ އަންހެން ޓީމު ވަނީ މިދިޔަ އަހަރު އޮތް ބިލީ ޖީން ކިންގް ކަޕް އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގެ ޕްރޮމޯޝަން ޕްލޭއޮފަށް ދަތުރު ކޮށްފަ އެވެ. ގުރޫޕް 2 އަށް ރާއްޖެ ޕްރޮމޯޓް ވުމުގެ ފުރުސަތު ގެއްލުނީ ޕްލޭއޮފް ފައިނަލްގައި ލާއޯސް އަތުން 2-1 ގޭމުން ބަލިވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް