ޤާނޫނާ އެއްގޮތަށް އަގު ނުޖަހާތީ، 17 ފިހާރައަކަށް ނޯޓިސް ދީފި
ލިޔުންތެރިޔާ
ފިހާރައެއްގެ ހަރުގަނޑުގައި މުދާ އަތުރާފައި - ފޮޓޯ/މިހާރު
ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ހުންނަ މުދަލުގައި އަގު ޖަހަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، 20 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީ އިން ވަނީ 34 ފިހާރައެއް ބަލައި ފާސްކޮށްފައި އެވެ. އޭގެ ތެރެއިން 17 ފިހާރައެއްގައި ޤާނޫނާ އެއްގޮތަށް އަގު ޖަހާފައިވާ ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ. އަދި ޤާނޫނުގައި ބުނެފައިވާ ގޮތަށް އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
އެއާއެކު އެ މިނިސްޓްރީ އިން އިތުރަށް ބުނެފައި ވަނީ، ޤާނޫނުގައި ބުނެފައިވާ ގޮތަށް ވިއްކަން ހުންނަ މުދަލުގައި އަގު ޖަހާފައި ހުރޭތޯ ބެލުން އެ މިނިސްޓްރީ އިން ކުރިއަށް ގެންދާނެ ކަމަށެވެ.
ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނެހެން މުދަލު އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އޭރު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނެފައި ވަނީ މުދަލުގެ އަގު ޖަހާފައި ކަމަށް ބެލެވޭނީ، މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓުކޮށް ނުވަތަ ހަރުކޮށްފައި ހުރުން ކަމަށެވެ. އެހެން ނޫން ނަމަ، އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާ އެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭ ގޮތަށް ހުރުން ކަމަށް ބުނެފައިވެ އެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މުދަލުގއި އަގު ޖަހާފައި ނުހުންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް