އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެ އަށް ގެއްލުންހުރި ކަމެއް: ރައީސް ނަޝީދު
ލިޔުންތެރިޔާ
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝިދު- ފޮޓޯ/އަދަދު
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ދިވެހިރާއްޖެ އަށް ގެއްލުންހުރި ކަމެއް ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އީގަލް ހިލްސް އިން ރަސްމާލެގައި ހިންގަން އުޅޭ މަޝްރޫއާ ގުޅިގެން، އެ ކުންފުނީގެ ޗެއާމަން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެ އަށް ގެއްލުން ހުރި ކަމެއް ކަމަށެވެ.
އަލައްބާރަށް ފުރައްސާރަ ކުރުމުގެ ސަބަބުން، މިހާރު ރާއްޖޭގައި ހުރި ޔޫއޭއީގެ އިންވެސްޓްމަންޓު ތަަކަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށާއި، އެ އިންވެސްޓްމަންޓުތައް ހުއްޓޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ. އެއާއެކު އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީ އިން ބަޔާނެއް ނެރެފައިވާނެ ކަމަށެވެ.
މީގެ އިތުރުން އެ ގުރޫޕުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ވެސް މެސެޖެއް ދަންނަވައިފަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރަކަށް ހުންނެވި އަލީ އާޒިމް އެމްޑީޕީ އިން ވަކި ކުރެއްވީ ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަ ދައްކަވައިގެންކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އީގަލް ހިލްސްއާ ގުޅޭ ގޮތުން އެމްޑީޕީ އިން ބަޔާނެއް ނެރެފައިވާނެ ކަމަށެވެ.
"މެމްބަރުންނަށް ދަންނަވާލަން ބޭނުން. އަލީ އާޒިމް ޕާޓީ އިން ވަކި ކުރެއްވީ މަޖިލިސްގެ މެމްބަރަކަށް ހުންނަވައި، ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަ ދައްކަވައިގެން. އީގަލް ހިލްސް ކަންތަކާ ގުޅޭ ގޮތުން ޕާޓީ އިން ވާނީ ބަޔާނެއް ނެރެފައި،" އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެމްޑީޕީގެ ކޮންގްރެސްގައި ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އީގަލް ހިލްސް އިން ހިންގާ މަޝްރޫއު މާލެ ސަރަހައްދު ނޫން އެހެން ސަރަހަދެއްގައި ހިންގަން އެދޭ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް