ޕާކިސްތާންއާ ގާތުން، ގުޅިގެން މަސައްކަތް ކުރަން ރާއްޖެ އޮތީ ފުރިހަމަ އަށް ތައްޔާރަށް: މިނިސްޓަރު ސައީދު
ލިޔުންތެރިޔާ
ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.
ޕާކިސްތާންއާ ގާތުން، ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ދިވެހިރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދެ ޤައުމުގެ ލީޑަރުންގެ ބައިވެރިވުމުން ފެނިގެން ދަނީ އިޤްތިޞާދީ ގޮތުން ބާރުގަދަ ގުޅުމެއް ބިނާކުރުމަށް އޮތް ޚާއްސަ އަހަންމިއްޔަތުކަން ކަމަށެވެ. މި ދަތުރުފުޅުގެ ތެރޭގައި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް އެއްބަސްވެފައިވާ ކަަމަށް މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ.
އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ޕާކިސްތާންއާ ގުޅިގެން އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރަން ރާއްޖެ އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމްގެ ސަބަބުން، ރާއްޖޭގެ އިންވެސްޓްމަންޓު ތަަކަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.
އެއާއެކު މިނިސްޓަރު ސައީދު ވަނީ އެ ފޯރަމްގެ ތެރެއިން ލިބޭ މައުލޫމާތު ތަކާއި، ޕްރެޒެންޓޭޝަންތަކުން ފާހަގަ ކުރެވޭ މުހިންމު ކަންކަމުގެ ބޭނުން ހިފުމަށް ފޯރަމްގައި ބައިވެރިވާ ވިޔަފާރިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެ ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަޑައިގެންނެވުމުން، މިނިސްޓަރު ސައީދު ވަނީ އެމަނިކުފާނަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވައިފަ އެވެ.
ޕާކިސްތާންގައި ރާއްޖެ އިން ބިޒްނަސް ފޯރަމެއް ބާއްވާފައިވާއިރު، ބޭރުގެ ވަރަށް ގިނަ ޤައުމު ތަކުގައި ރާއްޖެ އިން ބިޒްނަސް ފޯރަމްތައް ބާއްވަ އެވެ. އަދި އެ ފޯރަމް ތަކުން ރާއްޖެ އަށް ފައިދާ ވާނެ ވަރަށް ގިނަ މައުލޫމާތު ތަކާއި، ޚިޔާލުތައް ބަދަލު ކުރެވިގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް