Article Top
ޚަބަރު •

ޚިދުމަތުގެ ފެންވަރު ބިނާވަނީ އަދަދަށް ވުރެ ބޮޑަށް، ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް: ސީޕީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޚިދުމަތުގެ ފެންވަރު ބިނާވަނީ އަދަދަށް ވުރެ ބޮޑަށް، ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް: ސީޕީ

ކުމުންދޫގައި އޮތް ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވާހަކަ ދައްކަވަނީ.

ރަށް ރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށް ވުރެ މުހިންމީ، ޤާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ޚިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ، ހދ.ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement
Article Inside

މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވައި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ސީޕީ އަޙުމަދު މުޙައްމަދު އެވެ. އަދި ޤައުމީ ދިދަ ނަންގަވައި ދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް ޢަލީ ޤާސިމް އެވެ.

ފުލުހުންގެ ޚިދުމަތުގެ ފެންވަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުން ކަމަށް ވިދާޅުވި އެވެ. އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް، ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު ވެސް އިތުރުކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސީޕީ ވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްޤީ އަށް ދެއްވާ ޚާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށް ރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ޤާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު ފާހަގަ ކުރައްވައި، ސަރުކާރާއި ރައީސް މުޢިއްޒު އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ހަމައެހެންމެ، މާޒީގައި އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި، ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުނު ދަތި އުނދަގޫ ތަޖުރިބާތަކުގެ ވާހަކަ ސީޕީ ފާހަގަ ކުރެއްވި އެވެ. އަދި މިއަދު ފެށިގެން މި ދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމަ އަށް ޚިދުމަތް ދެވޭނެ އައު ބާބެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވަކިވަކި އޮޕަރޭޝަން ތަކަށް ފުލުހުން އިސްކަންދޭ ވަގުތު ތަކުގައި އެހެނިހެން ޚިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތް ކުރައްވަމުން ސީޕީ ވިދާޅުވީ، އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް، ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ. އަދި ކުމުންދޫ އަކީ އާންމުކޮށް ކުށް މަދު ރަށެއްކަން ފާހަގަ ކުރައްވައި، އެކަމުގެ ސަބަބުން ފަރުވާ ކުޑަ ނުކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ފާރަވެރިކަމާއެކު ކުށުގެ ވެށި ކޮންޓްރޯލް ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރަށުގައި ތިބި ފުލުހުންނަށް އިލްތިމާސްކުރެއްވި އެވެ.

ސީޕީ ވަނީ ފުލުހުންގެ ތަރައްޤީގެ މަޝްރޫއުތަކާއި، ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން ވަރަށް ގާތުން ބައްލަވައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިޙުސާން އަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް