ރާއްޖެ އަކީ އިންވެސްޓަރުންނަށް ފަހި ޤައުމެއް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ދިވެހިރާއްޖެ އަކީ އިންވެސްޓަރުންނަށް ފަހި ޤައުމެއް ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ، ބުރާސްފަތި ދުވަހު ފެށި ދިވެހިރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ބާޒަރުގެ މިންވަރަކީ ކުޑަ ނިސްބަތެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. ރާއްޖެ އަކީ ހަަމއެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިއިރުޅޭ ޤައުމެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ އަކީ އަހަރަކު ދެ މިލިއަނަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމެއް ކަމަށެވެ.
އެހެންކަމުން އާބާދީގެ ގޮތުން ރާއްޖެ ކުޑަވި ނަމަވެސް، ރާއްޖެ އަކީ އިންވެސްޓަރުންނަށް ފަހި ޤައުމެއް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. ރާއްޖޭގައި ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރިއެއްގެ ގޮތުގައި އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. ރާއްޖެ އަކީ ޒަޒީރާ ޤައުމަކަށް ވެފައި، ހުއްޓުމެއް ނެތް ސަޕްލައި ޗޭނެއް އޮތުމަކީ ރާއްޖޭގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
މިހާރު ވެސް ރާއްޖެ އާއި ޕާކިސްތާންއާ ދެެމދު ވިޔަފާރީގެ ގުޅުން ކުރިއަށްދާ މިންވަރު ފާހަގަ ކުރައްވަމުން ރައީސް މުޢިއްޒު ވަނީ، ދެ ޤައުމުގެ ދެ މެދުގައި އެކި ދާއިރާ ތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެ ޤައުމުގެ އިންވެސްޓަރުންނަށް ގޮވާލައްވައިފަ އެވެ. ރައީސް ވަނީ ރާއްޖެ އިން އަބަދު ވެސް އެފަދަ އިންވެސްޓްމަންޓު ތަަކަށް ހިތްވަރު ދޭނެ ކަމަށް ވިދާޅުވެފައި އެވެ.
ރައީސް މުއިއްޒު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު މިހާރު އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރައްވާނެ ކަަމަށް ވިދާޅުވެފައި އެވެ. ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 އެމްއޯޔޫއެއްގައި ސޮއި ކޮށްފައިވާއިރު، ކުރިއަށް އޮތީ އެކަންކަމަށް އަމަލީ ސިފަ ގެނައުން ކަމަށް ދެ ޤައުމުގެ ލީޑަރުން ވެސް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް