ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހިންނަށް ފުރުސަތުތައް ފަހިވާނެ ގޮތަށް: މިނިސްޓަރު މުއްޠަލިބު
ލިޔުންތެރިޔާ
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު މުއްޠަލިބު ވާހަކަ ދައްކަވަނީ.
ރަސްމާލޭގައި ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހި ރައްޔިތުންނަށް ހުރިހާ ފުރުސަތެއް ފަހިވާނެ ގޮތަކަށް ކަމަށް، ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީ އިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ފައިދާ ތަކެއް ލިބިގެންދާނެ ކަަމަށެވެ. އެ މަޝްރޫއާއެކު ރާއްޖޭގެ އިޤްތިޞާދަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު މުއްޠަލިބު ވަނީ ވިދާޅުވެފައި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ މިހާރު ވެސް އެކި ކަހަލަގެ ވިޔަފާރިތައް ހަދައިގެން، އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ބައެއް ކަމަށެވެ. ރަސްމާލޭގެ މަޝްރޫއާއެކު އެކަން އިތުރަށް ފުޅާވެގެން ދާނެ ކަމަށާއި، އެތަނުގައި އުޅޭ މީހުންނަށް "ގުލާނު" ކުރަން ދިވެހިންނަށް ނުޖެހޭނެ ކަމަށެވެ.
ބޭރުގެ ބައެއް ޤައުމުތަކުގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންގޮސްގެން، އެ ޤައުމުތަކުގެ ރައްޔިތުންނަށް ލިބެމުން އަންނަ ފައިދާ އާއި ކުރިއެރުމަށް އިޝާރާތް ކުރައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެފަދަ ފުރުސަތުތައް ދިވެހިންނަށް ވެސް އޮންނާނެ ކަމަށެވެ. އަދި ސަރުކާރުން ވެސް ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމާލޭގައި ތަރައްޤީ ކުރާ ތަންތަނާ އެކު، ދިވެހިންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި، ތައުލީމުގެ ފުރުސަތުތަކާއި، މުނިފޫހިފިލުވުމުގެ ކަންކަން އަދި އެހެނިހެން ތަރައްޤީ ވެސް ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ ރަސްމާލޭގައި ވިޔަފާރި ކުރާ މޯލެއް ޤާއިމު ކުރުމުން، ދިވެހިންނަށް ވިޔަފާރި ކުރުމަށް ވެސް އެތައް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ރަސްމާލޭގައި އެ މަޝްރޫއު ކުރިއަށް ގެންދާއިރު ވެސް، ދިވެހިންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި ވަޒީފާ އާއި، އިޤްތިޞާދީ ފުރުސަތުތައް އަދި ތަރައްޤީ ލިބިގެންދާނެ ކަމަށް މިނިސްޓަރު މުއްޠަލިބު ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރުން ވަނީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ބިޔަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް