ތިން ވަނަ ބޭސިކް މެރިކަލްޗާ ތަމްރީނު ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްފި
ލިޔުންތެރިޔާ
ތިން ވަނަ ބޭސިކް މެރިކަލްޗާ ތަމްރީނު ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ފިޝަރީޒް މިނިސްޓްރީ އިން ކުރިއަށް ގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބޭސިކް މެރިކަލްޗާ ތަމްރީނު ކޯހުގެ ތިން ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ކ.މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން، 22 ވަނަ ދުވަހުގެ ނިޔަަލަށެވެ. މިފަހަރުގެ ކޯޗުގެ ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ބައިވެރިވެޔަކު ވަނީ ބައިވެރިވެފައި އެވެ. މިފަހަރުގެ ކޯހުގައި އަންހެން ބައިވެރިޔަކު ވެސް ވަނީ ބައިވެރިވެފައި އެވެ.
ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވަނީ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވައިފަ އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީ އިން ކުރިއަށް ގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުންމ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އިން ކުރިއަށް ގެންދިޔަ މި ކޯހުގެ މައިގަނޑު މަޤުސަދަކީ، ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތެއް ޤާއިމުކޮށް ފުޅާ ކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާ ކުރުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
މި ތަމުރީން ޕްރޮގްރާމް އަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށް ގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި، އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމުރީން ޕްރޮގްރާމެކެވެ.
މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީ އިން ބުނެފައި ވަނީ މީގެ ހަތަރު ވަނަ ކޯސް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް