ވިލިމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާ އަށް ބަދަލުކޮށްފި
ލިޔުންތެރިޔާ
ވިލިމާލޭގައި ހުންނަ ހޮސްޕިޓަލް، މިހާރު ވަނީ އެ ތަނުގެ ޚިދުމަތް ވަގުތީ ގޮތުން އަމާން ހިޔާ އަށް ބަދަލުކޮށްފައި.
ވިލިމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތައް، ވަގުތީ ގޮތުން އަމާން ހިޔާ އަށް ބަދަލުކޮށްފި އެވެ.
ވިލިމާލޭގައި ހުންނަ އަމާން ހިޔާ، ނުވަތަ ކުރީގެ ކުޑަކުދިންގެ ހިޔާ އަށް ހޮސްޕިޓަލްގެ ޚިދުމަތްތައް ބަދަލުކޮށްފައި ވަނީ ވިލިމާލޭގައި އިމާރާތް ކުރާ އައު ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
ވިލިމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތައް އަމާން ހިޔާ އަށް ބަދަލު ކުރުމާ އެކު، ހޮސްޕިޓަލް ހުރި އިމާރާތުގެ ބިން ސާފުކޮށް، އައު ހޮސްޕިޓަލް އިމާރާތް ކުރުމަށް ބޭނުންވާ ސައިޓު އެ ތަނުގައި ޤާއިމު ކުރެވިގެންދާނެ އެވެ.
އެކަމާ ގުޅޭ ގޮތުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީޑިއާ ތަކަށް ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލު ކުރުމުގެ ކުރިން، އެ ތަނަަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެއާއެކު، ވިލިމާލޭ ހޮސްޕިޓަލް އިން ދެމުން އައި އެންމެހާ ޚިދުމަތްތަކެއް، ވަގުތީ އިމާރާތުން ލިބިގެންދާނެ ކަމަށް ވެސް ޙަލީމް ފާހަގަ ކުރެއްވި އެވެ.
ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެއީ ވިލިމާލޭ އިން ފެންވަރު ރަނގަޅު އަދި ޒަމާނީ ވަސީލަތްތަކާ އެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި އެވެ. މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ.
"ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ ނަމުން ނަން ދެވޭ މި ހޮސްޕިޓަލްގައި ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް