Article Top
ޚަބަރު •

ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި

ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ، ސިވިލް ކޯޓުގެ އިސް ޤާޟީ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު އެވެ.

Advertisement
Article Inside

މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރެއްވުނު ބޭފުޅުންނަކީ:

  1. ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހއ.ހޯރަފުށީ ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ.

  2. މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ބ.ގޮއިދޫ ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދު.

  3. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭ ޓްކަމަށް ބ.އޭދަފުށީ ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒް.

  4. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޏ.ފުވައްމުލަކު މާދަޑު.ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާ.

މީގެ ތެރެއިން ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު ފަތުޙުﷲ ޢަލީ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ (އޮނާސް) ޙާސިލުކުރައްވާފައި އެވެ. އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 7 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އިރު ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖާ ލީގަލްގެ މަޤާމުގައި އެވެ. 

މީގެ އިތުރުން ޝަރުޢީ ދާއިރާގައި 9 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛާ ދިޔާނާ މަޖީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލުކުރައްވާފައި އެވެ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛާ ދިޔާނާ މަޖީދު ވަނީ އޮއިލްބިޒް ޕްރައިވެޓް ލިމިޓެޑްގެ ލީގަލް ކައުންސިލްގެ މަޤާމާއި، ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް ހިއުމަން ރިސޯސް އެންޑް ލީގަލް އެފެއާޒްގެ މަޤާމު ފުރުއްވާފައި އެވެ. 

ހަމައެހެންމެ، އަލްއުސްތާޛު ޙުސައިން ރަމީޒް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން މާސްޓާ އޮފް ލޯ އަދި ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ (އޮނާސް) ޙާސިލުކުރައްވާފައި އެވެ. ޝަރުޢީ ދާއިރާގައި 5 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޙުސައިން ރަމީޒް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނުއިރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި، މިނިސްޓްރީ އޮފް ހެލްތްގެ ލީގަލް އޮފިސަރުގެ މަޤާމު ފުރުއްވާފައި އެވެ. 

ޝަރުޢީ ދާއިރާގައި 13 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛާ މަރްޔަމް ޢާޞިރާ ވަނީ ވިލާ ކޮލެޖް އިން މާސްޓާ އޮފް ޝަރީޢާ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޤައުމީ ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯ ޙާސިލުކުރައްވާފައި އެވެ. އަލްއުސްތާޛާ މަރްޔަމް ޢާޞިރާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނުއިރު ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި އެވެ. އޭގެ ކުރިން ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަޤާމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެސިސްޓަންޓް ޑިރެކްޓާ އިންވެސްޓިގޭޝަންގެ މަޤާމު ވެސް އަދާކުރައްވާފައިވެ އެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް