ވޯލްޑް ކަޕަށް ޒުވާން ގައުމީ ޓީމު އަޒަރުބައިޖާނަށް ފުރައިފި
ލިޔުންތެރިޔާ
15 އަހަރުން ދަށުގެ ގައުމީ ޓީމު މިއަދު ހެނދުނު މާފަންނު ބަސް ޓާމިނަލުން ދަތުރު ފެށުމުގެ ކުރިން -- ފޮޓޯ/ޕީއެސްއެމް
ފީފާގެ ފުރަތަމަ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު އަޒަރުބައިޖާނަށް ފުރައިފި އެވެ.
ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުން މި މުބާރާތާ ކުރިމަތިލާއިރު، މިއީ ރާއްޖޭގެ ޑިވެލޮޕްމަންޓް ސްޓޭޖުގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ވަރުގަދަ މެޗުތަކެއް ކުޅެން ލިބޭ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ފްރާންސާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރި ސައުތު އެފްރިކާގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާ އާއެކު ގުރޫޕް އޭގަ އެވެ.
މުބާރާތުގައި ވާދަކުރާ ދިވެހި ސްކޮޑު:
ޝައިމަން އަހުމަދު ރިޒާ، އަބްދުﷲ ރައުޝަމް އިބްރާހިމް މުޖާހު، އިބްރާހިމް ހުނައިފް، އިބްރާހިމް އިޔާސް ބިން ހަސަން، މުހައްމަދު ޔަންނި އަބްދުﷲ، ޔޫސުފް ލާއިގް އިބްރާހިމް، ޔޫސުފް ޔޫ އާން އަހުމަދު، މިކާ މުހައްމަދު ކަލީމް، ޒެކް ޒެވިއަލް އަހުމަދު، ހުސެއިން ރިލްހާން ގާސިމް، އައިދާން ބިން އަބްދުﷲ، އައްމާރު ބިން ނަވާޒް، ޝުއާއު މުހައްމަދު އަޔާޒް، އަބްދުﷲ ގާނިތު ބިން އިއްޒު.
އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓްގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޝާކިއްޓޭ އާއެކު ޓީމުގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހުމަދު ފައްރާހު (ފައްރަ) އާއި ހުސެއިން އައްބާސް އެވެ. މީގެ އިތުރުން މެނޭޖަރުގެ ގޮތުގައި އަކްރަމް ރަމްޒީ، ޑޮކްޓަރުގެ ގޮތުގައި އިކްރާމް ހަމީދު އަދި އިކުއިޕްމަންޓް މެނޭޖަރުގެ ގޮތުގައި އިސްމާއިލް ނަސީރު ޓީމާ އެކު ބައިވެރިވެ އެވެ.
ރާއްޖެ ގުރޫޕް އޭގައި އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ސައުތު އެފްރިކާއާ އެވެ. އެއަށް ފަހު އާދިއްތަ ދުވަހު ފްރާންސް އާއި ކޮސޯވޯއާ ދެކޮޅަށް ކުޅުމަށް ފަހު ހޯމަ ދުވަހު އަންގީލާ އާއި އެސްޓޯނިއާއާ ދެކޮޅަށް ކުޅޭނެ އެވެ. ގުރޫޕް ސްޓޭޖަށް ފަހު ޓޯނަމަންޓް ސްޓޭޖްގެ މެޗުތައް ފަށާނީ ބުދަ ދުވަހު އެވެ.
ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ފުރުސަތުދީގެން ކުރިއަށްގެންދާ މި މުބާރާތަކީ ދުނިޔޭގެ ފެންވަރުގައި ގައުމުތަކުގެ ބައިވެރިވުން ބޮޑުކުރުމަށް ފީފާއިން ފެށި މުހިންމު ފިޔަވަޅެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއް މި މުބާރާތުގައި ބައިވެރިވާއިރު، ނޭޕާލް މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުން އެ ގައުމަށް މި ފުރުސަތު ލިބިފައެއް ނުވެއެވެ. މިއަހަރުގެ މުބާރާތް ފިރިހެން ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށްދާއިރު، އަންހެން ކުދިންގެ މުބާރާތް އޮންނާނީ އަންނަ އަހަރެވެ. އެއަށް ފަހު 2028 ގައި ދެ ޖިންސުގެ ކުދިންނަށް ވެސް މުބާރާތް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ޖުމްލަ 191 ގައުމާ އެކު ގުރޫޕް ސްޓޭޖް ކުރިއަށް ދާނީ ޓޯނަމަންޓް ސްޓޭޖްގެ ހަ ޑިވިޝަންގެ ކޮލިފިކޭޝަން ފޭސްގެ ގޮތުގަ އެވެ. އެގޮތުން ގުރޫޕްތަކުން އެ ޓީމެއް ނިންމާ ހިސާބަކުން ވާދަ ކުރާނެ ޑިވިޝަނެއް ކަނޑައެޅޭނެ އެވެ. އަދި ކޮންމެ ޓީމެއް ވެސް ޓޯނަމަންޓް ފޭސްގައި ކްރޮސް އެލިމިނޭޝަން އުސޫލުން 4-5 މެޗު ކުޅޭނެ އެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމު ހޮވަން ކަނޑައެޅިފައި ވާއިރު، މުޅި މުބާރާތުގެ ރަސްމީ ޗެމްޕިއަނުން ކަމަށް ކަނޑައަޅާނީ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް