ޕާކިސްތާންގެ ސެނެޓުގެ ޗެއާމަން، ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ލިޔުންތެރިޔާ
ޕާކިސްތާންގެ ސެނެޓުގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީ، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ ތެރެއިން.
ޕާކިސްތާންގެ ސެނެޓުގެ ޗެއާމަން ޔޫސުފް ރަޒާ ގިލާނީ، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ޕާކިސްތާންގެ ސެނެޓުގެ ޗެއާމަން ގިލާނީ، ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވީ މިހާރު އެމަނިކުފާނު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އާއި، ޕާކިސްތާންގެ ސެނެޓުގެ ޗެއާމަން ގިލާނީ ވަނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމާއި، އިތުރު ފުރުސަތުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވައި، މަޝްވަރާ ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒުގެ އަރިހުގައި، ދިވެހި ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރުންނާއި، ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 އެމްއޯޔޫއެއްގައި ވަނީ ސޮއި ކޮށްފައި އެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި، އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށްވާއިރު، ޕާކިސްތާން އިން ވަނީ ރައީސް މުޢިއްޒުގެ ދަތުރުފުޅަށް ޚާއްސަ އިސްކަމެއް ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް