"ރައީސް މުޢިއްޒު އަށް އެރުވި ޝަރަފަކީ އެމަނިކުފާނުގެ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަކަމުގެ ހެއްކެއް"
ލިޔުންތެރިޔާ
ޕާކިސްތާންގެ އިސްލާމިކް ޔުނިވާސިޓީ އިން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އޮނަރަރީ ޑޮކްޓަރޭޓެއްގެ ޝަރަފު އެރުވުމުގެ ތެރެއިން.
ޕާކިސްތާންގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އޮނަރަރީ ޑޮކްޓަރޭޓެއްގެ ޝަރަފު އެރުވުމަކީ އެމަނިކުފާނުގެ މަސައްކަތް ބައިނަލްއަޤުވާމީ މުޖުތަަމައުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.
ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ވަނީ ބުދަ ދުވަހު ޕާކިސްތާންގެ އިސްލާމިކް ޔުނިވާސިޓީ އިން ރައީސް މުޢިއްޒު އަށް އެރުވި ޝަރަފާ ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފަ އެވެ.
ޕީއެންސީ އިން ބުނެފައި ވަނީ އެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފަކީ، ރާއްޖޭގެ ރައީސްކަމުގެ މަޤާމާ އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޤައުމުގެ އިޤްތިޞާދާއި، އިޖުތިމާއީ ޙާލަތު ރަނގަޅު ކުރެއްވުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ދައުލަތުގެ މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ފާއިތުވި މުއްދަތުގައި ރައީސް މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތައް ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
މީގެ އިތުރުން މިއީ ރައީސް މުޢިއްޒުގެ ޒައާމަތުގައި ކޮންގްރެސް ޕާޓީގެ ސަރުކާރުން ދިވެހިރާއްޖެ އަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރުން، ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދިވެހިންނާއި، ދިވެހިރާއްޖެ އިސްކުރައްވައި، އަވަށްޓެރި ޤައުމުތަކާއި، ދުރު ޤައުމުތަކާ އެކު ތިލަފަތް ހަމަ ގުޅުމެއް ބާއްވަމުން ދިޔުމުގެ ސަބަބުން ދިވެހިރާއްޖެ އާއި ރައްޔިތުންނަށް ލިބެމުންދާ ފަޚުރެއް ކަމަށް އެ ޕާޓީ އިން ވަނީ ފާހަގަކޮށްފައި އެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 އެމްއޯޔޫއެއްގައި ސޮއި ކޮށްފައިވާއިރު، ޕީއެންސީ އިން ބުނީ އެއީ ރާއްޖެ އަށް ހާސިލުކުރެވުނު ކާމިޔާބެއް ކަމަށާއި، އެކަމަށްޓަކައި ރައީސް މުޢިއްޒު އަށް މަރުޙަބާ ދަންނަވާ ކަމަށެވެ. ހަމައެހެންމެ، 10 އަހަރު ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ވަޑައިގެންފައިވާއިރު، މިއީ އިސްލާމީ އުންމަތާއި، އިސްލާމީ ޤައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތެއް ކަމަށް ވެސް އެ ޕާޓީ އިން ވަނީ ފާހަގަ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް