ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޕާކިސްތާނުގެ ފަސްޓް ލޭޑިއާ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
މެޑަމް ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން ---
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު، އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައެވެ. ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މަރުހަބާ ވިދާޅުވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަމިއާއެކު، ރައީސްގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އާންމު ސިއްހަތުގެ ދާއިރާއިން، ހާއްސަކޮށް އަންހެނުންގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސްގެ އަނބިކަނބަލުން ވަނީ ތައުރީފު ކުރައްވާފައެވެ.
މި މަޝްވަރާތައް ބިނާކުރެއްވީ، ތަޢުލީމު ކުރިއެރުވުމާއި، ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. މިގޮތުން، ގައިންގަޔަށް ނާރާ ބަލިތަކާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ސިއްހީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި ދެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މިގޮތުން، ތައުލީމާއި އިގްތިސާދީ ބައިވެރިވުމާއި، އިޖުތިމާއީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ ގުޅިފައިވާ އަމާޒުތަކުގައާއި ނާޒުކު މުޖުތަމަޢުތައް ކުރިއެރުވުމަށް ގާތުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް