އީގަލްސް އާއި އޮޑި އެއްވަރު، ވިއްސާރައިގެ ސަބަބުން ނިއު އާއި ބުރު މެޗު ފަސްކޮށްފި
ލިޔުންތެރިޔާ
އޮޑި އާއި އީގަލްސް އިއްޔެ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/އެފްއޭއެމް
މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅެން ހަމަޖެހުނު ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބުގެ މެޗު ފަސްކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ 21:00 ގައި ފަށަން ތައްޔާރުވެފައި އޮތް މި މެޗު ފަސްކުރީ، ވިއްސާރައިގެ ސަބަބުން ދަނޑުގެ ހާލަތު ހުރިގޮތުން މެޗު ކުރިއަށް ގެންދެވެން ނެތުމުންނެވެ. މި މެޗު ދެން ކުޅޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
ބެލެވޭ ގޮތުގައި މި މެޗު ދެން ކުޅޭނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލައި އަލުން ލީގު ފެށުމަށް ފަހު އެވެ.
މި ވިއްސާރައިގައި އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި އޮޑި ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު ކުޅެވުނު ނަމަވެސް، އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު އީގަލްސްއިން ވަނީ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ ހިފަހައްޓައިފަ އެވެ.
މިވަގުތު ލީގުގެ އެއްވަނައިގައި ވިކްޓަރީ 13 ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގައި އީގަލްސް އޮތީ 11 ޕޮއިންޓާ އެކު އެވެ. އަދި ތިންވަނައިގައި އޮތް މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައި ވާއިރު، އޮޑި އާއި ނިއު އަށް ވެސް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް ގަދަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް