ރައީސް މުޢިއްޒު، ޕާކިސްތާންގެ ރައީސްއާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ރައީސް މުޢިއްޒު އާއި، ޕާކިސްތާންގެ ރައީސް ޒަރުދާރީ ބައްދަލު ކުރައްވަނީ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މި ބައްދަލު ކުރެއްވުން އޮތީ ޕާކިސްތާންގެ ރައީސްގެ ރަސްމީ ގަނޑުވަރުގައި އެވެ.
ޕާކިސްތާންގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ވަނީ ރައީސް މުޢިއްޒު އަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައި އެވެ. އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާން އިން އެރުވި މެހެމާންދާރީ އަށް ޝުކުރު ދަންނަވާފައި އެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމަށް ބައްލަވާލެއްވި އެވެ. އަދި، ވިޔަފާރި، ތަޢުލީމު، ޞިއްޙީ، އަދި ތަމްރީނުގެ ދާއިރާ އިން އިތުރަށް ގުޅުން ހަރުދަނާކުރެވިގެންދާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ދެބޭފުޅުން ވެސް ވަނީ ދޭދޭ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައި އެވެ.
ޕާކިސްތާންގެ ރައީސް ޒަރުދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައިވާ މިންވަރަށް ބައްލަވާލައްވާފައިވެ އެވެ. އަދި، އިއްޔެ ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނޭ ކަމުގެ ޔަޤީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގިނަ ދުވަހެއްގެ މެދުކެނޑުމަކަށް ފަހު، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާންގެ ރައްޔިތުން އެކަމާ އުފާކުރާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް