Article Top
ޚަބަރު •

ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާގެ ތެރެއިން.

ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެ މެެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ. ބުދަ ދުވަހު މި ބައްދަލުވުން އޮތީ ޕާކިސްތާންގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި އެވެ.

Advertisement
Article Inside

މި މަޝްވަރާތަކުގައި، ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ވަފުދަށް ޕާކިސްތާން އިން އަދާކުރެއްވި ހޫނު މެހެމާންދާރީ ފާހަގަ ކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައި އެވެ. ހަމައެއާއެކު، ރައީސް މުޢިއްޒު އާއި ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމުގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވެސް ވިދާޅުވި އެވެ.

ދެ ޤައުމުގެ ލީޑަރުން ވަނީ ޒަމާންވީ، ދޭދޭ، އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ވިޔަފާރި އާއި އިންވެސްޓްމަންޓް، ސިއްހަތާއި، ތައުލީމު، ތިމާވެއްޓާއި، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާއީ އަދި ސަލާމަތީ ދާއިރާ، ތަމްރީނާއި ގާބިލުކަން އިތުރުކުރުން، އަދި ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ގުޅުން ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދޭ ކަންތައްތަކެއް ފާހަގަކުރައްވާފައި އެވެ. އަދި، ދިވެހިރާއްޖޭގެ ފަސް މިލިއަން ގަސް ޕްރޮގްރާމް އަށް ޕާކިސްތާން އިން ދެއްވި އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މި މަޝްވަރާތައް ނިންމަވާލައްވަމުން، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުން ވެސް ވަނީ އެއްބަސްވެވަޑައިގެންފައި އެވެ. މީގެ ތެރޭގައި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުން ހިމެނެ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑު ވަޒީރުގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް