Article Top
ކުޅިވަރު •

ބިސް ބުރު ބަލިކޮށް މާޒިޔާ ވަގުތީގޮތުން ތިންވަނައަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބިސް ބުރު ބަލިކޮށް މާޒިޔާ ވަގުތީގޮތުން ތިންވަނައަށް

މާޒިޔާ މިރޭގެ މެޗުގައި ގޯލެއް ޖެހުމަށްފަހު -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަގުތީގޮތުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ 29 ވަނަ މިނިޓްގައި މާޒިޔާއިން ލީޑުނެގީ ބިސް ބުރުގެ އަލީ ޝައިހާން ނަސީރަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ނަމަވެސް، މެޗުގެ 35 ވަނަ މިނިޓްގައި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ޖެހި ރީތި ލަނޑަކުން ބިސް ބުރުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ.

Advertisement
Article Inside

ދެވަނަ ހާފު ފެށިގެން މިނިޓެއް ފަހުން އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ޖެހި ލަނޑުން މާޒިޔާއަށް އަލުން ލީޑުނަގައިދިންއިރު، އޭގެ ފަހުން މެޗުގެ 58 ވަނަ މިނިޓްގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބެނިންގެ މިޑްފީލްޑަރު ކޮޑްޖޯ ގޯމޭސް އެވެ. މެޗު ނިމެންދެން މާޒިޔާއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މާޒިޔާ ލީގުގެ ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް އަތުން ބަލިވި ފަހުން އެ ޓީމު ކުޅުނު ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ. ނަމަވެސް އެ ޓީމު މިރޭގެ މެޗާ ކުރިމަތިލީ އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ބަލިކޮށްފަ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގަ އެވެ. މި ވަގުތު އެއްވަނައިގައި 13 ޕޮއިންޓާއެކު ވިކްޓަރީ އޮތްއިރު، ދެވަނައިގައި އޮތް އީގަލްސްއަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވެ އެވެ. އަދި ބިސް ބުރު އޮތީ ފަސް މެޗުން ހޯދި ހަ ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް