އައިއެޗްއެފް ނޭޝަންސް ޓްރޮފީގައި ރާއްޖޭގެ ހޭންޑްބޯލް ޓީމު ތިން މެޗުން ވެސް ބަލިވެއްޖެ
ލިޔުންތެރިޔާ
މިއަދު ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެތެރެއިން -- ފޮޓޯ/ނާސިމް ބަހާރު ސްޕޯޓްސް މީޑިއާ
ބަންގްލަދޭޝްގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް ހޭންޓްބޯލް ފްޑެރޭޝަން (އައިއެޗްއެފް) ނޭޝަންސް ޓްރޮފީ 2026 އޭޝިއާ ޒޯން 2 ގައި ދިވެހިރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމަށް ނާކާމިޔާބީ ކުރިމަތިވެއްޖެ އެވެ.
ހަތަރު ގައުމު ވާދަކުރާ މި ޒޯންގައި ރާއްޖޭގެ އިތުރުން ހިމެނުނީ މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި އިންޑިއާ އަދި ނޭޕާލެވެ. ރާއްޖެ ވަނީ ރައުންޑް ރޮބިން އުސޫލުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު ފައިނަލް މެޗާއި ބްރޯންޒް މެޑަލް މެޗު ކުޅޭގޮތަށް ހަމަޖެހިފައި ވާއިރު، ބްރޯންޒް މެޗުގައި ރާއްޖެ ކުޅޭނީ ނޭޕާލާ އެވެ. ފައިނަލް ކުޅޭނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ.
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހު އެވެ.
މުބާރާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު އިންޑިއާއާ ދެކޮޅަށްކުޅެ ރާއްޖެ ބަލިވީ 40-8 އިންނެވެ. ފުރަތަމަ ހާފުގައި ރާއްޖޭން ދެ ގޯލު ކާމިޔާބު ކުރި އިރު ދެވަނަ ހާފުގައި ހަ ގޯލު ކާމިޔާބު ކުރި އެވެ. އިންޑިއާ ވަނީ ކޮންމެ ހާފެއްގައި 20 ގޯލު ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭގެ ލަނޑުތައް ޖެހީ އާމިނަތު ޝޫޒާ، ފާތިމަތު އަރުޝާ، އާމިނަތު އިބްރާހިމް، އައިޝަތު އަހުމަދު އަދި ފާތިމަތު ޖުނާ އެވެ. ޖުނާ އާއި އާމިނަތު އަދި އަރުޝާ ދެ ލަނޑު ކާމިޔާބުކުރި އެވެ.
ދެވަނަ މެޗުގައި އިއްޔެ ބައްދަލުކުރީ ނޭޕާލާ އެވެ. މި މެޗުން ނޭޕާލް މޮޅުވީ 24-18 އިންނެވެ. ނޭޕާލް ކޮންމެ ހާފެއްގައި 12 ގޯލު ޖެހި އިރު ރާއްޖެ ވަނީ ފުރަތަމަ ހާފުގައި 11 ގޯލު ކާމިޔާބު ކޮށްފަ އެވެ. އައިޝަތު އަހުމަދު ފަސް ގޯލު މި މެޗުގައި ޖަހާފައި ވާއިރު، އާމިނަތު ޝޫޒާ އާއި ފާތިމަތު އަރުޝާ ވަނީ ތިން ގޯލު ޖަހައިފަ އެވެ. އަދި ފާތިމަތު ޔާސިރާއި ފާތިމަތު ޖުނާ ދެ ގޯލު ޖެހި އިރު، ޔަސްފާ އާދަމް އާއި ޒުހާ ހުސެއިން އަދި އާމިނަތު ޝަފާ ވަނީ ގޯލެއް ޖަހައިފަ އެވެ.
ލީގު ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝްއާ ވާދަކޮށް ބަލިވީ 33-20 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ފަސް ގޯލު ޖެހުނު އިރު ފަހު ހާފުގައި ކުޅުން ރަނގަޅު ކުރި އެވެ. މި މެޗުގައި ފާތިމަތު ޖުނާ ނުވަ ގޯލު ކާމިޔާބު ކުރި އިރު، ޔަސްފާ އާދަމް ތިން ގޯލލު އަދި ފާތިމަތު ޔާސިރު ދެ ގޯލު ކާމިޔާބުކުރި އެވެ. މީގެ އިތުރުން ޒުލެއިހާ އިބްރާހީމް، އާމިނަތު ޝޫޒާ، ފާތިމަތު އަރުޝާ، އާމިނަތު އިބްރާހިމް، ޒުހާ ހުސެއިން އައި އައިޝަތު އަހުމަދު ވެސް ގޯލެއް ކާމިޔާބުކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް