Article Top
ކުޅިވަރު •

ނަތީޖާ ނުނެރެވި، ނަޒީހާއި ގައްދޫ ވަކިވެއްޖެ!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ނަތީޖާ ނުނެރެވި، ނަޒީހާއި ގައްދޫ ވަކިވެއްޖެ!

ނަޒީހު -- ފޮޓޯ/އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކްލަބަށް އިރުޝާދުދެމުން އައި ތަޖުރިބާކާރު ކޯޗު މުހައްމަދު ނަޒީހުއާ އެކު އެ ކްލަބުން ހަދާފައި އޮތް އެއްބަސްވުން އުވާލައިފި އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ގައްދޫން މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅެއް ނުލިބި، ޓީމު އޮތީ ތާވަލްގެ އެންމެ ފަހަތުގަ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅެމުންދާ މި ލީގުގައި، ރަށުން ބޭރުގައާއި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

Advertisement
Article Inside

އެގޮތުން އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް އަދި އީގަލްސް އަތުން ބަލިވެފައި ވާއިރު، ގަލޮޅު ދަނޑުގައި އޮޑި ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި އެންމެ ފަހުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވި މެޗަކީ ނަޒީހު ގައްދޫއަށް ކޯޗުކޮށްދިން ފަހު މެޗެވެ.

ގައްދޫ އާއެކު ސައުތު ޒޯން ޗެމްޕިއަންކަން ހޯދައި ނަޒީހު ވަނީ ޕްރިމިއާ ލީގު ކޮލިފައިންގެ ހަތަރުވަނަ ޓީމުގެ ގޮތުގައި އެ ޓީމު އެއްވަނަ ޑިވިޝަނަށް ކޮލިފައި ކޮށްދީފަ އެވެ. ނަމަވެސް ޕްރިމިއާ ލީގުގައި މިހާތަނަށް ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ގައްދޫ އެވެ.

މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޓީމަކުން ކޯޗަކު ވަކިވި ދެވަނަ ފަހަރެވެ. މީގެ ކުރިން އޮޑި ސްޕޯޓްސް ކްލަބު ވަނީ ޕޯޗުގަލްގެ ކޯޗު ރުއި ގްރެގޯރިއޯ ދޫކޮށްލައިފަ އެވެ.

ނަޒީހުގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ގައްދޫ އާރުސީ އިން ފަށާފައި ވާއިރު، ސާފް ޗެމްޕިއަންޝިޕްގެ ބްރޭކަށްފަހު އަންނަ މަހުގެ 23 ވަނަ ދުވަހު ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ގައްދޫ ނުކުންނާނީ އާ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް