Article Top
ކުޅިވަރު •

ދިއްދޫގައި ވެސް ޓީސީ މޮޅުވެއްޖެ!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިއްދޫގައި ވެސް ޓީސީ މޮޅުވެއްޖެ!

ޓީސީއަށް ލަނޑު ޖަހައިދިން ޑުރާޑޯ -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދިއްދޫ ސްޕޯޓްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ 1-0 އިން މެޗު ކާމިޔާބުކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި އެވެ.

ޓީސީ ވަނީ ރަށުން ބޭރުގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެންމެ ފުރަތަމަ ކާމިޔާބުކުރީ ގދ. ގައްދޫގައި ގައްދޫ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އަދި މިއާ އެކު ޓީސީ ވެފައި ވަނީ ލީގުގައި މާލޭން ބޭރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރި ފުރަތަމަ ޓީމަށެވެ.

Advertisement
Article Inside

މިއީ މި ލީގުގައި ދިއްދޫން އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ރަށުގައި ކުޅުނު ދެ މެޗުވެސް، ނިއު ރޭޑިއަންޓާއި އީގަލްސް ވެސް 2-2 އިން އެއްވަރުވެފައި އޮތުމާއެކު، މިއަދުގެ މެޗަށް ދިއްދޫ ނުކުތީ ވަރަށް ބޮޑު އުންމީދަކާ އެކު އެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ދިއްދޫން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ގާނާގެ ފޯވާޑް ޓެޓޭ ގިޑިއޯން އާއި މުހައްމަދު ޝަނާއު ނަސީރަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވިއެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ޓީސީން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލައިފަ އެވެ. ދިއްދޫގެ ޑިފެންޑަރު ކަވޫ ކޮޓަޑާއި އަތުން ބޯޅަ އަތުލައިގެން ކުރިއަށް އަރައި، ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން ޑުރާޑޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޑުރާޑޯ އެވެ.

ދެވަނަ ހާފުގައި ދިއްދޫން އެޓޭކުތައް ވަރުގަދަކޮށް، ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ޓީސީގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތެއް ނުވި އެވެ.

މި މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާއެކު ޓީސީން ވަނީ ފަސް މެޗުން ހަ ޕޮއިންޓް ހޯދައި، ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި ހަ މެޗުން ފަސް ޕޮއިންޓާއެކު ދިއްދޫ ވަނީ ތާވަލުގެ އަށްވަނައަށް ވެއްޓިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް