އަމީނީ މަގުގެ ތިންވަނަ ސެގްމެންޓުގައި ތާރު އަޅައިފި، ދެން ފަށާނީ ނިޝާންތައް ޖެހުމުގެ މަސައްކަތް
ލިޔުންތެރިޔާ
އަމީނީ މަގުގެ ތިންވަނަ ސެގްމެންޓުގައި ތާރު އަޅައިފައި -- ފޮޓޯ/ އެމްޓީސީސީ
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތްކުރަމުން އަންނަ އެ މަގުގެ ތިންވަނަ ސެގްމެންޓުގައި ތާރު އަޅައި ނިމިފައިވާކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީއިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
ދެން ފަށާނީ މަގުގެ ނިޝާންތައް ޖެހުމުގެ އިތުރުން މަގުގައި ކުރަހަންޖެހޭ ލޭނުތައް ކުރެހުމުގެ މަސައްކަތްތަށްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ މަސައްކަތްތައް ނިމުމުން މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް އަމާންކަމާއި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި އޮތުމުން އެ ތާރުގަނޑު އެއްކޮށް ނަގައި، އެތަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުއެވެ.
ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގުގެ މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ހުޅުވާލާއިފައެވެ.
ތިންވަނަ ސެގްމެންޓުގައި މަރާމާތު ކުރަން ހަމަޖެހިފައިވަނީ ކުރީގެ ހައުސިން މިނިސްޓްރީން ފަށައިގެން މާފަންނު ސްޓޭޑިއަމާ ހަމައަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގައެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއު، އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުގައެވެ.
އަމީނީ މަގުގެ ތާރުގަނޑު އެހާ އަވަހަށް ހަލާކުވުމުން އެކަމަށް ފާޑުކިޔަމުން ގެންދާތީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެ މަގު އެހާއަވަހަށް ހަލާކުވީ އެ މަސައްކަތް ކުރުމަށް މިދިޔަ ސަރުކާރުން ހަވާލުކުރި އާރުޑީސީއަކީ މަގުހެދުމަށް އެންމެ ގާބިލުކުންފުންޏަކަށް އޭރުނުވާތީކަމަށެވެ.
އާންމުންނަށް އެ މަގު ނުނުމި ދިގުލައިގެން ދިތީ އެކަމުގެ ދަތިތައް ކުރިމަތިވަމުން ދިއުމުގެ ސަބަބުން މި ސަރުކާރުން ވެރިކަމާ ހަވާލުވެ އާރުޑީސީއިން މަސައްކަތް ކުރަމުން އައިގޮތަށް މަސައްކަތް ކުރުމަށް ދޫކޮށްލީކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ
އެ ކުންފުނީގައި އެ މަސައްކަތް ކުރާނެ މެޝިނަރީ ނެތްއިރު އެ މަސައްކަތް އެ ކުންފުނިން ކުރީ އިންޑިއާއިން މެނުއުލް އާދައިގެ ތާރު އެޅުމަށް ބޭނުންކުރާ މޭޝިނެއް ބޭނުންކޮށްގެންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް