ޒުވާން އެތުލީޓުންގެ ތަމްރީނު ސެޝަންތައް ޗައިނާ ސަފީރު ބައްލަވާލައްވައިފި
ލިޔުންތެރިޔާ
ތަމްރީނު ސެޝަންތަކުގައި ޗައިނާ ސަފީރު އަދި މިނިސްޓަރު ރާފިއު -- ފޮޓޯ/ސްޕޯޓްސް މިނިސްޓްރީ
ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ކުޅިވަރުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޗްއީ ކޮންގް ކްސިއަންހުއާ އަދި މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު، ޒުވާން އެތުލީޓުންގެ ތަމްރީނުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.
މިނިސްޓަރާއި ސަފީރު ވަނީ ގައުމީ ބާސްކެޓްބޯޅަ ތަމްރީނުކުރާ މަރުކަޒަށާއި ބެޑްމިންޓަން ހޯލަށް ޒިޔާރަތްކޮށް، ރާއްޖޭގެ ޖޫނިއާ ކުޅުންތެރިންގެ ތަމްރީނު ސެޝަންތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.
މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ދެ ކޯޗުން އަންނަނީ ބާސްކެޓްބޯޅަ އަދި ބެޑްމިންޓަންގެ ޖޫނިއާ ކުޅުންތެރިންނަށް ހާއްސަ ފަންނީ ވޯކްޝޮޕްތަކާއި ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. މި ތަމްރީނުތަކުގެ އިތުރުން، ޔުނާން ޕްރޮވިންސުން ވަނީ ރާއްޖޭގެ ޒުވާނުންނަށް ކުޅިވަރުގެ އެކިއެކި ސާމާނު ވެސް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ، ބާސްކެޓްބޯޅަ، ބެޑްމިންޓަން ރެކެޓް އަދި ޝަޓުލްކޮކް ހިމެނެ އެވެ.

ބާސްކެޓް ޖޫނިއާ ކުޅުންތެރިން ޗައިނާ ސަފީރު އަދި މިނިސްޓަރު ރާފިއު އާއެކު -- ފޮޓޯ/ސްޕޯޓްސް މިނިސްޓްރީ
ސަފީރުގެ މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ "ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
މިނިސްޓަރު ރާފިއު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފަންނީ ބަދަލުތަކަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގެންގުޅޭ ދިގުރާސްތާ ޕްލޭންގެ މުހިންމު ބައެކެވެ. އެގޮތުން މީގެ ސަބަބުން ޒަމާނީ ތަމްރީނުތައް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރެވޭނެ ފަދަ މާހައުލެއް އުފެދިގެންދާނެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ދަނީ ޗައިނާގެ އެހެން ޕްރޮވިންސްތައް ކަމަށްވާ ފޫޖިއަން އަދި ޝިއާމެން ސިޓީއާއެކު ވެސް ކުޅިވަރުގެ ދާއިރާއިންނާއި، ސްޕޯޓްސް މެޑިސިން އަދި އެންޓި-ޑޯޕިން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަމުންނެވެ. މީގެ ބޭނުމަކީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ އެތުލީޓުންގެ ހުނަރު އިތުރަށް މަތީ ފަންތިއަކަށް ގެންދިއުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް