ސިޔާސަތުތައް ބައްޓަން ކުރުމުގައި މުދައްރިސުން ބައިވެރި ކުރުވާނަން: އެޑިއުކޭޝަން މިނިސްޓަރު
ލިޔުންތެރިޔާ
އެމްއެންޔޫގައި ކުރިއަށްދާ "މަޝްވަރާ" ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއު ވާހަކަ ދައްކަވަނީ. - ފޮޓޯ/ ޕީއެސްއެމް
ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި މުދައްރިސުން ބައިވެރި ކުރުވާނެ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދާއިރާތަކެއްގެ މުވައްޒަފުންގެ އަޑު އެހުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މިހެން ވިދާޅުވެފައި ވަނީ، "މަޝްވަރާ" ޕޮލިސީ ޑައިލޮގު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ޑައިލޮގަކީ ޔުނިސެފް އާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށް ގެންދާ ޑައިލޮގެކެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ 2040 ވަނަ އަހަރާ ހަަމައަށްދާއިރު، ރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އަދުގެ ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތު ނުވަތަ ތަސައްވުރު ހާސިލުކުރެވޭނީ ތައުލީމީ ދާއިރާ އިން ގުޅިގެން ކުރެވޭ މަސައްކަތުން ކަަމަށެވެ. އެއާއެކު މިނިސްޓަރު ފާހަގަ ކުރެއްވީ، ޤައުމެއް ކުރިއަރައިގެން ދިޔުމުގެ އެންމެ މުހިންމު ދައުރެއް އަދާ ކުރާނެ އެއް ބަޔަކީ އިންސާނީ ވަސީލަތް ބިނާކުރާ ފަރާތްތަތއް ކަމަށެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ، ސަރުކާާރުގެ ސިޔާސަތަކީ ހުރިގާާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަޑު އެހުން ކަމަށާއި، އެ ފަރާތްތަަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރުމަށް ވެސް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. ހަމައެއާއެކު، ސިޔާސަތުތައް ބައްޓަން ކުރުމުގައި މުދައްރިސުން ބައިވެރި ކުރުވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ މިހާރު އޮތް ހިސާބަށް ވުރެ ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަން ކުރުމަށްޓަކައި ޕޮލިސީ ފެންވަރުގައި ޕްރިންސިޕަލުންނާއި، މުދައްރިސުންނާއި، ދަރިވަރުން އަދި ޕޮލިސީ ހެދުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާ މެދު މަޝްވަރާ ކުރެވެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބޭއްވޭ ކޮންފަރެންސް ތަކަކީ ވަކި އެންމެ ކަމަކަށް ޚާއްސަ ކުރުމުގެ ބަދަލުގައި، މުޅި ތައުލީމީ ދާއިރާ ކުރިއަށް ގެންދިޔުމަށް ޚިޔާލު ދެވޭ، އަދި ވާހަކަ ދެކެވޭ ކޮންފަރެންސް ތަކަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ މުދައްރިސުންނަށް އިޙުތިރާމް ކުރުމާއި، އެކަން ކުރުމުގައި ހުރިހާ އެންމެންގެ ބައިވެރިވުން ވެސް ބޭނުންވާ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް