ރައީސް ދެއްވީ ޔަޤީންކަން، ރަސްމާލެ އިން ދޫކުރާ ތަންތަނުގެ ފުލް ކޮންޓްރޯލް އޮންނާނީ ސަރުކާރަށް
ލިޔުންތެރިޔާ
"ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ.
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން، ނުވަތަ ޕްރޮޕަޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އެ ޕްރޮގްރާމްގައި ރައީސް މުޢިއްޒު ވިދާޅުވީ މީގެ ކުރިން ހުޅުމާލެ ހިއްކިއިރު، އެއްވެސް ޕްލޭނެއް ނެތި މަސައްކަތް ކުރެވިފައި އޮތުމުގެ ނަތީޖާ އަކީ، ހުޅުމާލެ ހިއްކިއިރު އެއްވެސް އިންވެސްޓްމަންޓެއް ނައުން ކަމަށެވެ. އެހެން ނަމަވެސް، މާލެ އާއި ހުޅުމާލެ ގުޅުވާލި ބްރިޖާއެކު އިންވެސްޓްމަންޓުތައް އައި ކަމަަށް ރައީސް ފާހަގަ ކުރެއްވި އެވެ.
އެއާ ޚިލާފަށް ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންފުޅުވަނީ އެ ތަނުން ރައްޔިތުންނަށް ދޫކުރާ ގޯތިތަކާއި، ފްލެޓުތަކުގައި ރައްޔިތުންނަށް ދިރިއުޅެވޭނެ ފެންވަރުގެ ތަރައްޤީ އާއި އިންވެސްޓްމަންޓް ގެނައުމަށް ފަހު ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން އުފައްދަމުން އަންނައިރު، ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލޭގައި ކުރެވޭ އިންވެސްޓްމަންޓުގެ ތެރެއިން ތަރައްޤީ ކުރެވޭ ތަންތަން ގަންނަ ފަރާތްތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވޭނެ ކަމަށެވެ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން ކަމަށާއި، އެހެން ފަރާތަކަށް ވިއްކާ ނަމަ އެކަން ކުރާނީ ދައުލަތުން ކަމަށް ވެސް ރައީސް މުޢިޢްޒު ވިދާޅުވި އެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ އެ ތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ނުވަތަ ބާރުވެރިކަން އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ. އޮޓޯއިން އެ ތަންތަނުގެ އެއްބަސްވުން އައުވެ، އަނެއްކާ އިތުރު 99 އަހަރަށް ލިބޭނެ ކަހަލަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
"ފުލް ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް. އޮޓޯއިން ރިނިއުވެ، އަނެއްކާ އިތުރު ނުވަދިހަ ނުވަ އަހަަރަށް ލިބި، އެކަހަލަ ކަމެއް ނޫން މިއީ" ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގަން އުޅޭ މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫއަށް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް