ބޮޑެތި ޓީމުތަކުން ވެސް ދިއްދޫއާ މެދު ވަރަށް ބޮޑަށް ވިސްނާ: މުސްތަޓޭ
ލިޔުންތެރިޔާ
ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ދިއްދޫ ސްޕޯޓްސް އަކީ މިހާރު ލީގުގެ ބޮޑެތި ޓީމުތަކުންވެސް ޖެހިލުންވެ، ވަރަށް ބޮޑަށް ތައްޔާރުވެގެން ނޫނީ ނުކުންނަން ނުކެރޭވަރުގެ ވަރުގަދަ ޓީމަކަށްވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) ބުނެފި އެވެ.
މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ރަށުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯޗު ފާހަގަކުރި ގޮތުގައި، ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ރިސޯޓުތަކުގައި މަސައްކަތްކުރަމުން ދިއުމުގެ ސަބަބުން ފަރިތަކުރުންތަކަށް ފުރިހަމައަށް އެއްކޮށް ކުޅުންތެރިން ހަމަކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ޓީމުތަކާ ދެކޮޅަށް ދިއްދޫގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރާމެދު ފަހުރުވެރިވާ ކަމަށެވެ.
ފުރަތަމަ ސީޒަން މިއީ، އަޅުގަނޑުމެންގެ ހުންނާނެ ޗެލެންޖަސް. އެހެންނަމަވެސް ފުރަތަމަ ޑިވިޝަނުގައި ދުވަސްވީ ތާރީހީ ކުލަބުތަކާ ދެކޮޅަށް ކޮންމެ ދުވަހަކު ދައްކާ ޕާފޯމަންސް ވެގެން މިދަނީ ޓީމަށް ލިބޭ އިތުރު ހިތްވަރެއްގެ ގޮތުގައި. މިހާރު އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ޓީމެއް ވެސް ދިއްދޫއާ ދެކޮޅަށް ކުޅެން އަންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް.
ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި އަމިއްލަ ރަށުގައި ނިއު ރޭޑިއަންޓާއި ކުލަބު އީގަލްސް ފަދަ ވަރުގަދަ ޓީމުތަކާ ވާދަކޮށް އެއްވަރުކޮށްފައިވާ ދިއްދޫ އޮތީ 5 ޕޮއިންޓާއެކު އެވެ.
ދިއްދޫ އާއި ޓީސީ މިއަދު ހަވީރު ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 15:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް