ދިވެހި ޕްރިމިއާ ލީގުގެ ކުރިއެރުމަށް މާޒިޔާ ކޯޗު ޓްރޫޗާގެ ތައުރީފު
ލިޔުންތެރިޔާ
މާޒިޔާގެ ކޯޗު ޓްރޫޗާ -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިފަހަރު ވާދަކުރާ ހުރިހާ ޓީމުތަކަކުންވެސް ވަރަށް ބޮޑަށް ކުރިއެރުން ހޯދައި، ލީގުގެ ފެންވަރު މަތިވަމުން އަންކަން ފާހަގަކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ތޯމަސް ޓްރުޗާ ތައުރީފުކޮށްފި އެވެ.
މިރޭ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯޗު ޓްރުޗާ ވަނީ ލީގުގެ ކޮލިޓީއާއި ޓީމުތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، ލޯކަލް ކޯޗުންނާއި ކުޅުންތެރިންނާއެކު ބިދޭސީ ކޯޗުންނާއި ކުޅުންތެރިން ގުޅިގެން ކުރަމުންދާ މަސައްކަތުން މިހާރު ޓީމުތަކުގެ ފެންވަރު ވަރަށް ބޮޑަށް ހަމަހަމަވެ، ކޮންމެ ޓީމަކަށްވެސް ކޮންމެ މެޗަކުން ނަތީޖާ ނެރެވޭފަދަ ގޮތަކަށް ލީގު ބައްޓަންވެފައިވާ ކަމަށެވެ.
ލީގުގެ ކުރިއެރުން މިހާރު އެ ދަނީ ފެންނަމުން. އަހަރެން ދެކޭ ގޮތުގައި އޭޝިއާގެ ކޮންމެ ލީގެއްގައި ވެސް ބިދޭސީ ކުޅުންތެރިން މި ތަފާތު ދައްކަނީ. އެކަމަކު މިހާރު ޓީމުތަކުގެ ފެންވަރު ހަމަހަމަވެ، ކޮންމެ ޓީމަކަށްވެސް އަނެއް ޓީމު އަތުލެވޭ ކަހަލަ ގޮތަކަށް މި އޮތީ.
ލީގުގެ ފެންވަރު މަތިވަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުން އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ފަދަ ޓީމުތަކުގެ މެޗުތައް އޭނާ ފާހަގަކުރެއްވި ނަމަވެސް، ލީގު އިތުރަށް ފުރިހަމަވެގެންދާނީ ދަނޑަށް ގިނަ ސަޕޯޓަރުން ހާޒިރުވެގެން ކަމަށް ކޯޗު ބުނެފައިވެއެވެ.
މިވަގުތު ތާވަލުގެ ފަސްވަނައިގައި މާޒިޔާ އޮތް ނަމަވެސް، ކުރިއަށް އޮތް ބިސް ބުރުގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރުޗާ ވަނީ އެ ޓީމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެކަން ފާހަގަކޮށްފައެވެ. ބިސް ބުރުން ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ދިއްދޫ ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ކްލަބް ފަދަ ޓީމުތައް ބަލިކޮށްފަ އެވެ.
ބިސް ބުރުގެ ނަތީޖާ އެ އޮތީ ފެންނަން. އެ މީހުން ދިއްދޫ ބަލިކޮށްފި، ބުރު ވެސް ބަލިކޮށްފި. އެހެންވީމަ އަހަރެމެން އެބަޖެހޭ ވިސްނައިގެން 100 ޕަސެންޓް މި މެޗުގައި ދޭން. މެންޓަލީ ވެސް އަދި ސައިކޮލޮޖިކަލީ ވެސް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބެން މި ޖެހެނީ
މާޒިޔާ އާއި ބިސް ބުރު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް