ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޕާކިސްތާން އަށް ފުރައިވަޑައިގެންފި
ލިޔުންތެރިޔާ
ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ ޕާކިސްތާން އަށް ފުރައިވަޑައިގަންނަވަނީ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާން އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރައިވަޑައިގެންފި އެވެ.
އަންގާރަ ދުވަހު ރައީސްގެ ދެ ކަނބަލުން ޕާކިސްތާން އަށް ފުރައިވަޑައިގެންފައިވާއިރު، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި އެ ޤައުމުގެ ބޮޑު ވަޒީރު ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ވެސް ބައްދަލު ކުރައްވާނެ އެވެ. މިއީ ޕާކިސްތާންގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސްގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ޤައުމަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމާއި، އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ.
މި ދަތުރުފުޅުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ 1966 ވަނަ އަހަރުގެ ޖުލައި 26 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް