Article Top
ކުޅިވަރު •

އޯލެވެލް އިމްތިހާނާ ދިމާވާތީ މި އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕް ނުބާއްވާނެ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޯލެވެލް އިމްތިހާނާ ދިމާވާތީ މި އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕް ނުބާއްވާނެ

އެމްއެސްއޭ އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޖޫނިއާ ގައުމީ ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/އެމްއެސްއޭ

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން މި މަހުގެ 29 އިން 31 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް މިއަހަރު ކުރިއަށް ނުގެންދާގޮތަށް ނިންމައިފި އެވެ.

އެ އެސޯސިއޭޝަނުން ހާމަކޮށްފައިވާގޮތުގައި، މި މުބާރާތް މިއަހަރަށް ނުބާއްވަން ނިންމީ މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ޒުވާން ސާފަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންދާ ދުވަސްވަރަކަށްވެފައި، އެ ސަބަބާހުރެ މުބާރާތުގައި ބައިވެރިވާ ކުދިންގެ އަދަދު މަދުވުމުންނެވެ. އަދި މުބާރާތުގެ ތާރީހު ފަސްކުރަން ބަލާއިރު އިތުރަށް ބާއްވަން އެކަށީގެންވާ ރަނގަޅު ތަނެއްގެ ދަތިކަން ކުރިމަތިވެފައިވާތީ، ހުރިހާ ޒުވާން އެތުލީޓުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިއަހަރު މުބާރާތް ނުބާއްވަން ނިންމީ ކަމަށެވެ.

Advertisement
Article Inside

އެމްއެސްއޭ އިން 2022 ވަނަ އަހަރު ދިވެހި ސާފް ލީގު ތައާރަފްކޮށް މި ކުޅިވަރު އިތުރަށް ފުޅާ ކޮށްފައި ވާއިރު، އެ އަހަރުން ފެށިގެން އެސޯސިއޭޝަނުން އަންނަނީ ޖޫނިއާ ސާފަރުންނަށް އެކި އުމުރުފުރާތަކުން ގައުމީ ޗެމްޕިއަންކަން ހޯދަން ވަކި މުބާރާތެއް ބާއްވަމުންނެވެ. އެގޮތުން ފިރިހެން 14 އަހަރާއި 16 އަދި 18 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބާއްވަމުން އައި މުބާރާތުގައި މި އަހަރު ވަނީ 18 އަހަރުން ދަށުގެ އަންހެން ކެޓެގަރީ ވެސް ހިމަނައިފަ އެވެ.

ޖޫނިއާ މުބާރާތްތަކާ އެކު ޖޫނިއާ އެތުލީޓުންނަށް ވާދަވެރި މާހައުލެއްގައި އެކުދިންގެ ހުނަރު ތަރައްގީވެ ފަހަކަށް އައިސް އަންނަނީ ގައުމީ ސީނިއާ ޓިމު ވެސް ތަމްސީލު ކުރަމުންނެވެ.

މިއަހަރު މުބާރާތް ކެންސަލްވި ނަމަވެސް ޒުވާން އެތުލީޓުންގެ ހުނަރު ތަރައްގީކުރުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށާއި، އަންނަ އަހަރު މިއަށްވުރެ ފުރިހަމައަށް މި މުބާރާތް ބޭއްވުމަށް ތައްޔާރުވާނެ ކަމަށް އެސޯސިއޭޝަނުން ހާމަކުރި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް