Article Top
ޚަބަރު •

އިމިގްރޭޝަންގެ އޮޕަރޭޝަނެއް ހުޅުމާލޭގައި، 3 ބިދޭސީއަކު ބެލުމުގެ ދަށަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިމިގްރޭޝަންގެ އޮޕަރޭޝަނެއް ހުޅުމާލޭގައި، 3 ބިދޭސީއަކު ބެލުމުގެ ދަށަށް

އިމިގްރޭޝަން އިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

އިމިގްރޭޝަން އިން ބުނެފައި ވަނީ، އެ އިދާރާ އިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރޭގައި 22 ބިދޭސީއަކާ ސުވާލުކޮށް، އެ މީހުންގެ ލިޔެކިޔުންތައް ބަަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ބިދޭސީއަކު ޤަވާއިދާ ޚިލާފަށް އުޅެމުން އަންނާތީ، އެ މީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.

Advertisement
Article Inside

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމެކެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފާފައި ވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނާއި، ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދައި އެ މީހުން ޑިޕޯޓު ކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަން އިން އަންނަނީ ކުރަމުންނެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި 295،000 ބިދޭސީން އުޅެމުން ދިޔަ އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އިނގިލީގެ ނިޝާން ނަގައި، ދެނެގަތުމުގެ މަރުހަލާ ފުރިހަމަކޮށްފައި ވަނީ 22،000 މީހުން ކަަމަށްވާއިރު، މި ސަރުކާރުން ވަނީ އެ މަސައްކަތް އަލުން ކުރިއަށް ގެންގޮސް 260،000 އަށް ވުރެ ގިނަ ބިދޭސީން ދެނެގަނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް