ސްޓެލްކޯ އިން ފުވައްމުލަކުގެ ކަރަންޓާ ރަސްމީކޮށް ހަވާލުވެއްޖެ
ލިޔުންތެރިޔާ
ސްޓެލްކޯ އިން ފުވައްމުލަކުގެ ކަރަންޓާ ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ފުވައްމުލައް ސިޓީގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވީ ހޯމަ ދުވަހު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު އެވެ. އަދި އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒުނާ އެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓާ ރަސްމީކޮށް ހަވާލުވުމަށް ފަހު ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިޔުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯ އަށް ބަދަލު ކުރުމަކީ ފުވައްމުލައް ސިޓީ އަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މެނޭޖިން ޑިރެކްޓަރު ވަނީ، ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިޔުމަށް ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ރައީސް މުޢިއްޒު ވަނީ ނިންމަަވައިފަ އެވެ. އެ ނިންމުމާ އެކު، ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކަ އިން ޚިދުމަތް ދެމުން އައި އިންޖީނުގެތަކާ ހަވާލުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް