ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އައިސްޕްލާންޓު 11 ރަށެއްގައި ޤާއިމު ކުރަނީ
ލިޔުންތެރިޔާ
11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް 11 ރަށެއްގައި ޤާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީއެން ބީއެޗް ކުންފުންޏާ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބު އެވެ.
އައިސްޕްލާންޓުތައް ޤާއިމު ކުރުމަށް ހަވާލުކޮށްފައިވާ 11 ރަށަކީ ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ކޮމަންޑޫ، ކ.ގާފަރު، އއ.ރަސްދޫ، މ.މުލައް، ދ.ހުޅުދެލި، ގއ.ވިލިނގިލި، ގއ.މަމެންދޫ، ގއ.ނިލަންދޫ އަދި ގދ.ރަތަފަންދޫ އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓުތައް ޤާއިމު ކުރުމާއި، އެ އައިސްޕްލާންޓު ތަކަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވެފައި ވަނީ، މިވަގުތު ވެސް ރާއްޖޭގައި 1700 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ނަމަވެސް، މަސްވެރިންނަށް އަދިވެސް އައިސް ލިބުމުގއި ދަތިތަކެއް ހުރި ކަމަށެވެ.
11 ރަށެއްގައި ޤާއިމު ކުރެވޭ އައިސްޕްލާންޓު ތަކަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓު ތަކަށް ވާއިރު، އެ ތަންތަނުގައި 50 ޓަނުގެ އައިސް ރައްކާ ކުރެވޭނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވެފައިވެ އެވެ. މި މަޝްރޫއު ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މިނިސްޓްރީ އާއި ކޮންޓްރެކްޓަރު ވެސް ވަނީ އަމާޒު ހިފައިފަ އެވެ.
މަސްވެރިންނަށް ފަސޭހަ އިން، ހެޔޮ އަގުގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް