މިނިސްޓަރު ސައީދު، ލޮރީ ޑްރިވަރުންނާ އެއް މޭޒަކަށް
ލިޔުންތެރިޔާ
ލޮރީ ޑްރިވަރުންނާ އެކު މިނިސްޓަރު ސައީދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، މާލެ ސަރަހައްދުގެ ބަނދަރު ތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ ބައްދަލު ކޮށްފި އެވެ.
ހޯމަ ދުވަހު މިނިސްޓަރު ސައީދު ވަނީ، ލޮރީ ޑްރައިވަރުންގެ އެދުމުގެ މަތިން އެ ފަރާތްތަކާ ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންގޮސްފައި އެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ، މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކާއި، ސްކޫލު ދަރިވަރުން އަދި ބެލެނިވެރިންނަށް އަމާން ތަނަކަށް ހެދުމުގެ މުހިންމުކަމާއި، އެއްގަމު ދަތުރު ފަތުރުގައި ޑްރައިވަރުންނަށް ދަތިވާ ކަންތައްތަކާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެ ބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މިނިސްޓަރު ސައީދު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އިކޮނަމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތަކެއް އެ ވުޒާރާއިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތައް ނުވަތަ ކުދި ޕިކަޕް ސައިޒުގެ އުޅަނދުތަކުން ފެށިގެން މަތީގެ ބަރު އުޅަނދުތައް ވަކި ގަޑިތަކެއްގައި މާލެ އާއި ހުޅުމާލޭގައި އެއްކޮށް ކަހަލަ ގޮތަކަށް ދުއްވުން މަނަލެވެ.
އެގޮތުން އެފަދަ ވެހިކަލްތައް ހެނދުނު 06:00 އިން 08:30 އަށް 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދު ފަހަރު ބޮޑުތަކުރުފާނު މަގު ފިޔަވައި، މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައި އެވެ.
މީގެ އިތުރުން ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް 350 ކިލޯއަށް ވުރެ މަތީގެ އުޅަނދުތަކާއި ފޯކްލިފްޓުތަކާއި ޓްރަކް، ކެރޭން، ޓްރެއިލާ ފަދަ ބަރު އުޅަނދުތައް ވަކި މަގުތަކެއްގައި ދުއްވުން ވެސް ވަނީ މަނާކޮށްފައި އެވެ. އެވަގުތު ތަކުގައި އެފަދަ ވެހިކަލްތައް ދުއްވުން މަނާކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން ހުރިހާ މަގުތަކާއި ހުޅުމާލޭގެ މަގުތަކާއި ސިނަމާލެ ބްރިޖާއި ހައިވޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް