ސަރުކާރުގެ އަމާޒަކީ މިއަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ދައުލަތުގެ ބަޖެޓުން މެނޭޖުކުރުން!
ލިޔުންތެރިޔާ
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވާހަކަ ދައްކަވަނީ.
މިއަހަރު ވެސް ސަރުކާރުގެ އަމާޒަކީ ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ދައުލަތުގެ ބަޖެޓުން ޚަރަދުތަކާއި ކަންކަން މެނޭޖުކުރުން ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މިނިސްޓަރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓު ޑެޕިސިޓް ވިޔަ ނުދިނުމަށް ސަރުކާރުން އެކި އެކި ސިޔާސަތުތައް ކަނޑައަޅާފައިވާ ކަމަށެވެ. ގިނަ ސިޔާސަތުތަކަކަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި މަނިޓަރީ ސިޔާސަތާއި ފިސްކަލް ސިޔާސަތު ހިމެނޭނެ ކަމަށެވެ.
ދައުލަތުން ބޮޑެތި އަދަދު ތަކުން ދަރަނި އަދާކޮށްފައިވާ ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އެއާއެކު ވެސް މަސައްކަތް ކުރައްވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ޑެފިސިޓް ކުޑަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި، އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއަހަރު ވެސް ސަރުކާރުގެ އަމާޒަކީ ސަޕްލިމެންޓަރީ ބަޖެޓަަކަށް ނުދިޔުން ކަމަށެވެ. އޭގެ ބަދަލުގައި ދައުލަތުން ކަނޑަ އަޅާފައިވާ ބަޖެޓުގެ ތެރެއިން ޚަރަދުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އެކަން ކާމިޔާބުވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
މީގެ ކުރިން 2025 ވަނަ އަހަރު ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން ޚަރަދުތައް ހަމަޖައްސައިފަ އެވެ. އޭގެ ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަަކަށް ނުގޮސް، މަޖިލީހުން ފާސްކުރި ބަޖެޓުގެ ތެރެއިން ޚަަރަދުތައް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. 2021 ވަނަ އަހަރުން ފެށިގެން އެހާ ތަނަށް ކޮންމެ އަހަރަކު ވެސް ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް