800 އަށް ވުރެ ގިނަ މަޝްރޫއު މި އަހަރު އެބަ ކުރިއަށްދޭ: މިނިސްޓަރު ރާފިއު
ލިޔުންތެރިޔާ
"އަހާ ފޯރަމް"ގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރާ ބެހޭ ވުޒާރާގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި ހިންގާ އެންމެ ގިނަ މަޝްރޫއު މި އަހަރު ކުރިއަށްދާ ކަމަށާއި، މި އަހަރު އެކަނިވެސް 800 އަށްވުރެ ގިނަ މަޝްރޫއު އެ ވުޒާރާއިން ހިންގަމުން އަންނަ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
އާންމުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މި މިނިސްޓްރީގެ ތާރީހުގައިވެސް މިހާ ގިނަ މަޝްރޫޢު އެއްފަހަރާ ހިންގާފައި ނުވާނެ ކަމަށެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، މި އަހަރުވެސް 800 އަށްވުރެ ގިނަ މަޝްރޫއު އެބަ ކުރިއަށް ގެންދަން. މިއަހަރުގެ ތެރޭގައި. މިއީ މި މިނިސްޓްރީގެ ތާރީހުގައި ވެސް، އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ނުގެންދާ އަދަދެއް. އެހެންވީމަ މިހާ ބައިވަރު މަސައްކަތްތައް ފެށިގެން ކުރިއަށް އެބަދޭ. ގިނަ ކަންތައްތައް މިހާރު މިދަނީ ނިމެމުން.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 130 އަށްވުރެ ގިނަ މަޝްރޫއު މުޅިން ނިންމައި ރައްޔިތުންނަށް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން، މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކުގެ އިތުރުން އެކި ކުޅިވަރު ކުޅޭނެ ކޯޓުތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރޭސިން ޓްރެކާއި، ޝޫޓިން އެރީނާއަކާއި، އޮލިމްޕިކް ފެންވަރުގެ ސްވިމިންގް ޕޫލެއް ފަދަ ހާއްސަ ފެސިލިޓީތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ވެސް ބާރުދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން 31 ޕަސެންޓް މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަދި ނުފެށުނު ނަމަވެސް، މި ދައުރުގެ ތެރޭގައި ހުރިހާ މަޝްރޫއެއް މުޅިން ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް