ބިލީ ޖީން ކިންގް ކަޕަށް ރާއްޖޭގެ އަންހެން ޓެނިސް ޓީމު ޕާކިސްތާނަށް
ލިޔުންތެރިޔާ
ބިލީޖީން ކަޕަށް ދިޔަ ރާއްޖޭޣެ ޓީމް -- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން
ރާއްޖޭގެ އަންހެން ޓެނިސް ޓީމު، ބިލީ ޖީން ކިންގް ކަޕް އޭޝިއާ/އޯޝޭނިއާ ގްރޫޕް 3 ގެ މުބާރާތުގައި ވާދަކުރުމަށް، ޕާކިސްތާނުގެ އިސްލާމާބާދަށް ހިނގައްޖެ އެވެ.
މި މަހުގެ 21 އިން 24 އަށް ކުރިއަށްދާ މި މުބާރާތަކީ ބައިނަލްއަގުވާމީ އަންހެން ޓެނިސް މުބާރާތެއް ޕާކިސްތާނުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށްވުމުން، މިއީ އެ ގައުމުގެ ކުޅިވަރުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ މުހިންމު މުނާސަބަތެކެވެ.
މުބާރާތުގައި ބައިވެރިވާން ދިޔަ ބޭރުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމާބާދަށް ދެވުނީ ދިވެހި ޓީމަށެވެ. އެ ޓީމަށް ޕާކިސްތާން ޓެނިސް ފެޑެރޭޝަން (ޕީޓީއެފް) ގެ ރައީސް އައިސާމްއުލްހަގް ގުރޭޝީ އާއި ސެކްރެޓަރީ ޖެނެރަލް ކާނަލް ޒިޔާއުއްދީން ޠުފައިލް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
ދިވެހި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ، ނަޔާރާ އުސާމާ އަލީ، ނަބާ ނިޝާން، ލަޔާރާ އުސާމާ އަލީ އަދި އާއިޝަތު ކަރިން ސައިޒާން އެވެ.
މި މުބާރާތް ކުރިއަށްދާނީ އިސްލާމާބާދުގެ ގާޑަން އެވްނިއުގައި ހުންނަ ޕީޓީއެފް ޓެނިސް ކޮމްޕްލެކްސްގަ އެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި މުބާރާތް ބާއްވާ ޕާކިސްތާނުގެ އިތުރުން ސަރަހައްދީ ގިނަ ގައުމުތަކެއްގެ އަންހެން ޓެނިސް ޓީމުތައް ވާދަކުރާނެ އެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނޭ ޒޯން ބީގައި ޖުމްލަ އަށް ގައުމަކުން ވާދަކުރެ އެވެ. އެއީ ރާއްޖެ އާއި މުބާރާތް ބާއްވާ ގައުމު ޕާކިސްތާންގެ އިތުރުން ބަހްރެއިން، ބޫޓާން، އީރާން، ޖޯޑަން، ކުވެއިތު އަދި ގަތަރެވެ.
ރާއްޖޭގެ އަންހެން ޓީމު ވަނީ މިދިޔަ އަހަރު އޮތް ބިލީ ޖީން ކިންގް ކަޕް އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގެ ޕްރޮމޯޝަން ޕްލޭއޮފަށް ދަތުރު ކޮށްފަ އެވެ. ގުރޫޕް 2 އަށް ރާއްޖެ ޕްރޮމޯޓް ވުމުގެ ފުރުސަތު ގެއްލުނީ ޕްލޭއޮފް ފައިނަލްގައި ލާއޯސް އަތުން 2-1 ގޭމުން ބަލިވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް