ހުޅުމާލޭ ފޭސް 2 ގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ދެ ހަފްތާ ތެރޭ ފަށަނީ
ލިޔުންތެރިޔާ
މިނިސްޓަރު ރާފިއު "އަހާ ފޯރަމް"ގައި -- ފޮޓޯ/ސްޕޯޓްސް މިނިސްޓްރީ
ގްރޭޓާ މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި އާންމުންގެ ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ރާފިއު ފާހަގަކުރެއްވީ، މާލޭގެ ބޮޑު އާބާދީއަށް ވޭތުވެދިޔަ 33 އަހަރު ދުވަހުގެ ތެރޭގައިވެސް ބޭނުންކުރެވެން އޮތީ އެންމެ އިންޑޯ ސްޕޯޓްސް ހޯލެއް ކަމަށާއި، އެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މާލެ ސަރަހައްދުގައި އިތުރު އިންޑޯ ކޮމްޕްލެކްސްތައް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން 2 ބިމެއް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން އެވަނީ ހަމަޖައްސާދެއްވާފައި. އެއީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތަށް. އިރާދަކުރެއްވިއްޔާ ފޭސް 2 ގެ މަސައްކަތް މިހާރު އެދަނީ އެކަމަށް ތައްޔާރީތައްވަމުން. ގާތްގަނޑަކަށް މި ފެށޭ 2 ހަފްތާއެއް ވަރު ތެރޭގައި އެތަނުގެ މަސައްކަތް އަމަލީގޮތުން ފެށިގެންދާނެ. އަދި ފޭސް 1 ގެ މަސައްކަތް ވެސް ފެށިގެންދާނެ.
މާލެ ސަރަހައްދުގައި މި ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ 63 ރަށެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރުމުގެ މަޝްރޫއުތައް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްގެން ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް