ތިލަމާލެ ބްރިޖު: ވިލިމާލެ އިން ގުޅީފަޅަށް ގުޅާލައިފި
ލިޔުންތެރިޔާ
ތިލަމާލެ ބްރިޖު: މިހާރު ވަނީ ވިލިމާލެ އިން ގުޅީފަޅަށް ގުޅާލެވިފައި.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަމުން އަންނައިރު، ވިލިމާލެ އިން ގުޅީފަޅަށް ބްރިޖު ގުޅާލައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ވިލިމާލެ އިން ގުޅީފަޅަށް ގުޅާލެވުމާ އެކު ބްރިޖު މަޝްރޫއުގައި އަނެއްކާ ވެސް އައު ލަނޑުދަނޑިއެއް ހާސިލު ކުރެވިފައިވާ ކަމަށެވެ. އެއާއެކު މިނިސްޓަރު ވަނީ، ވިލިމާލެ އިް ގުޅީފަޅަށް މިހާރު ބްރިޖު ގުޅާލެވިފައިވާ ކަމަށް ހާމަ ކުރައްވައިފަ އެވެ.
އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް އާއި، އެ މަސައްކަތުގައި ބައިވެރިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު ދަންނަވައި، މަރުޙަބާ ވިދާޅުވެފައި އެވެ. ހަމައެހެންމެ، މިނިސްޓަރު ވަނީ އެ މަސައްކަތް ކާމިޔާބު މަސައްކަތަަކަށް ހެދުމަށް އިންޑިއާ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށްް، އެ ޤައުމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަދޭ، ތިލަމާލެ ބްރިޖުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ.
ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ތިލަމާލެ ބްރިޖުގައި މިހާރު ކުރިއަށް ދަނީ ބްރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓުތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބްރިޖުގެ ޑެކަށް ޖުމުލަ 1222 ސެގްމަންޓު ބޭނުންވާއިރު، އޭގެ ތެރެއިން 98.53 އިންސައްތަ ސެގްމަންޓުގެ މަސައްކަތް ކާސްޓުކޮށް ނިމިފައިވެ އެވެ.
މީގެ އިތުރުން ބްރިޖުގެ އެއް ތަނބާއި އަނެއް ތަނބު ގުޅާލުމުގެ މަސައްކަތުގެ ތެރެއިން، އިންސްޓޯލް ކުރުމުގެ 88 އިންސައްތަ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވެ އެވެ. އެހެންކަމުން މުޅި ބްރިޖަށް ބަލާއިރު، މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މި ވަނީ ނިންމާލެވިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް