ބަޖެޓް 2027: އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީކޮށް، ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަނީ
ލިޔުންތެރިޔާ
2027 ވަނަ އަހަަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ޒަރީރު މަޖިލީހަށް ހުށަހަޅުއްވަނީ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މުހިންމު ސިޔާސަތެއްގެ ދަށުން، ޤައުމީ ފެންވަރުގައި ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަ ތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ދެއްކެވި ވާހަކައިގައި، ޓެކްނޮލޮޖީގެ ދާއިރާ އިން ޤައުމު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މައިގަނޑު މަޝްރޫއު ތަކުގެ ތަފުސީލު ހާމަކުރެއްވި އެވެ.
އެގޮތުން، ރައްކާތެރިކަމާއެކު ދައުލަތުގެ ޑޭޓާ ރައްކާކޮށް ބެލެހެއްޓުމަށް "ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓާ" ޤާއިމުކުރުމުގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަ ކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ތައާރަފު ކުރައްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ޓެކްނޮލޮޖީގެ އެހީ ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް" ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި ނިޒާމާ ގުޅިގެން، ޓްރާންސްޕޯޓް ނިޒާމު ހަރުދަނާ ކުރުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން" ތަންފީޒު ކުރުމަށް ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް