Article Top
ޚަބަރު •

އިސްލާމްދީނުގައި ދަމަހައްޓަން އަންގަވައިފައިވާ އާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމީ ރަހިމުގެ ގުޅުން: ޚުތުބާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިސްލާމްދީނުގައި ދަމަހައްޓަން އަންގަވައިފައިވާ އާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމީ ރަހިމުގެ ގުޅުން: ޚުތުބާ

މިސްކިތެއްގައި މީހަކާއި ކުއްޖަކު.

އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ އާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަހިމުގެ ގުޅުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ހުކުރު ޚުތުބާގައި ބުނީ ކޮންމެ އިންސާނަކުމެ މި ދުނިޔެ އަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީ އަދި އިސްލާމްދީނުގެ މަތީގައި ކަމަށެވެ. އިސްލާމްދީނުގައި ގާތް ތިމާގެ ކަމުގެ ގުޅުން ބަދަހިކުރާން އަންގަވާފައިވާ ކަމަށާއި، ނަމަވެސް އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާ އަށް ދެވޭ ތައުލީމަކާއި ތަރުބިޔަތަކުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައި އެވެ. އަދި އެއީ އެ ކުއްޖާ ގެންގުޅެ ބޮޑު ކުރެވޭ ގޮތަކުން ކަމަށް ވެސް ވަނީ ބުނެފައި އެވެ.

Advertisement
Article Inside

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމްދީނުގައި ދަމަހައްޓަން އަންގަވައިފައިވާ އާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަހިމުގެ ގުޅުން ކަމަށެވެ. އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެ މަތީގައި ރިޒުޤު ތަނަވަސްވެ، އުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވެސް ވަނީ ބުނެފައި އެވެ.

އެކަމާ ގުޅޭ ގޮތުން މާތް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވެ އެވެ. (لَا يَدْخُلُ الْجَنَّةَ قَاطِعٌ)[1] މާނައީ: "ރަހިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ އެވެ."

އާއިލާ ތަކުގެ މެދުގައި ގުޅުން ބަދަހި ކުރެވޭނީ އަޅުގަނޑުމެންނަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތު ކޮށްގެން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. އަދި އެކަން ކުރެވޭނީ ތަރުބިޔަތު ކުރާން ތިބި ބަޔަކީ، އެކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައި އެވެ. އާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވާފައި ކަމަށާއި، އާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބު ކަމަކަށްވީ ހިނދު، މައިންބަފައިން ކުރާ އަމުރަށް ކިޔަމަންވާން ޖެހޭނީ، الله އަށް އުރެދެވޭ ކަމަކަށް އެ މީހުން އަމުރު ނުކުރާ ހިނދެއްގައި ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެހެނީ ޚާލިޤުވަންތަ اللهއަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތް ކަމަށް ހަނދާން ކޮށްދީފައިވެ އެވެ.

ހަަމަ އެހެންމެ، އަހަރެމެންގެ ދަރިންނަކީ ރަހިމުގެ ގުޅުން ދަމަހައްޓައި، ހެޔޮލަފާ ޤާބިލު ބަޔަކަށް ހެދުމަކީ، އެ ކުދިންނަށް ދެވޭ ތައުލީމުން އެކަނި ކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ތައުލީމާ އެކު ތަރުބިޔަތު ވެސް ދޭން ޖެހޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދަރިން ތަރުބިޔަތު ކުރުމުގައި އެ ކުދިންނަށް ބޭނުންވާނޭ އެންމެހާ މާއްދީ ކަންތައްތައް ފުރިހަމަ ކޮށްދިނުމުގެ އިތުރަށް، އެ ކުދިންނަށް ނަސޭހަތްތެރިވެ، އެ ކުދިންނަކީ އިސްލާމީ އަދަބުތަކާއި ޝަރުއީ ޙުކުމް ތަކަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށް މަސައްކަތްކުރާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ކަަމަށާއި، ޝައްކެއް ނެތް ގޮތުގައި އެ ގޮތުން ކުރެވޭ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރިންނަށް ރިވެތި ނަމޫނާ އަކަށް ވެގެން ކަމަށް ވެސް ވަނީ ބުނެފައި އެވެ. ހަމަ އެހެންމެ، މާތް ވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިރުޝާދު ދެއްވާފައި ވަނީ އެބައިމީހުންގެ ދަރިންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށް ކަމަށާއި، ހަމަ އެއާއެކު ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިންގެ ވާޖިބެއް ކަމަށް ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް