ކުޅުދުއްފުށީގެ 18 ގެއަކުން 140 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް
ލިޔުންތެރިޔާ
ވިއްސާރައިގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު.
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ހދ.ކުޅުދުއްފުށީގެ 18 ގެޔަކުން 140 އަށް ވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީ ގޮތުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނެފައި ވަނީ އަތޮޅު ތެރޭގެ އެކި އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ. ކުޅުދުއްފުށީގެ އިތުރުން، އެ އަތޮޅުގެ ނޮޅިވަރަމް އަދި ނޮޅިވަރަންފަރުގެ ތެރެއިން، ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު 1 ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން.ނެވެ މިކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލަ އަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، 2 ޕަންޕުން އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ. ހަމައެހެންމެ، ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަށް ގޮސްފައި ނުވެ އެވެ. އަދި ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ހާލަތު ރަނގަޅުވެފައިވާ ކަމަށް ވަނީ ބުނެފައި އެވެ،
އެ އަތޮޅު ވައިކަރަދޫގެ ރަށު ތެރޭގައި ފެންބޮޑުވެ، ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި އެވެ. ނަމަވެސް ގެއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައި އެވެ. ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕު އެހީގައި ފެން ވަނީ ހިންދާފައި އެވެ. ކުރިނބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.
ހަނިމާދޫ އަދި މަކުނުދޫ އަށް ބަލާއިރު، މި ދެ ރަށުގެ ހާލަތުވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށް އެންޑީއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ.
ހއ.އަތޮޅަށް ބަލާއިރު ބައެއް ރަށް ތަކުގައި ވަނީ ކޯރު ކަނޑައިގެން ފެން ހިންދާފައި އެވެ. އެގޮތުން ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފައި އެވެ. ކެލާ އަދި މާރަންދޫގެ 1 ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވެ އެވެ.
ވެލިބަސްތާ ޖެހި ރަށްތަކަށް ބަލާއިރު، ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވެ އެވެ. ދިއްދޫގެ 1 ގެއަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ. ތަކަންދޫގައި ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތް ކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްޑީއެމްއޭ އިން ބުނެފައި ވަނީ އާންމު ހާލަތު ރަނގަޅު ރަށްތަކުގެ ތެރޭގައި ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެން ހެދިފައި ވީ ނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ޅ.ނައިފަރުގެ ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ބަދަލުކޮށްފައިވެ އެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ އޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުން ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް