ރަސްމާލެ މަޝްރޫއާއެކު މަދުވެގެން 15،000 ވަޒީފާ އުފެދޭނެ: މިނިސްޓަރު މުއްޠަލިބު
ލިޔުންތެރިޔާ
ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ސަބަބުން، މަދުވެގެން 15،000 ވަޒީފާ އުފެދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު މުއްޠަލިބު ވަނީ، ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ އާއި، ދިވެހި ރައްޔިތުންނަށް ލިބޭނެ ފައިދާ އާއި ކުރިއެެރުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ.
ހުޅުމާލެ ތަރައްޤީ ކުރި ގޮތުގެ ވާހަކަ އަށް އަލިއަޅުއްވާލައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މިއަދު ވެސް ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އަށް ބޭނުންވާ މިންވަރަށް ވަޒީފާ އާއި، ވިޔަފާރި އަދި އިޤްތިޞާދީ ފުރުސަތުތައް އެ ތަނުގައި ޤާއިމު ކުރެވިފައި ނެތް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ބްރިޖު ހުރަސްކޮށް މާލެ އަންނަނީ ވަޒީފާ އަށް ކަަމަށާއި، އަދިވެސް ގިނަ ވަޒީފާތައް އޮތީ މާލޭގައި ކަމަށެވެ.
ހުޅުމާލެ ތަރައްޤީ ކޮށްގެން މިވީހާ މުއްދަތުގައި އެތަނަށް އެކަށީގެންވާ އިޤްތިޞާދެއް ބިނާ ކުރެވިފައި ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވި، ރަސްމާލޭގައި އެއް ބައިގައި ތަރައްޤީ ކުރާ އިޤްތިޞާދީ ސަހަރުގެ ގޮތުން އެތަނުގެ ތެރެއިން ސީދާ 15،000 ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން، އެ ސަރަހައްދުގެ ތެރޭގައި ހުންނަ ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކާއި، އެހެނިހެން ޚިދުމަތްތަކުން އުފެދޭ ވަޒީފާތަކާ އެކު އެތަނަކީ ދިވެހިންނަށް ވަޒީފާ އާއި އާމްދަނީ ހޯދަން ވެސް އެކަށީގެންވާ ފުރުސަތެއް ކަމަށެވެ.
އެގޮތަށް ރަސްމާލެ ތަރައްޤީ ނުކުރެވިއްޖެ ނަމަ، 20 އަހަރު ނުވަތަ 25 އަހަރުން ހުޅުމާލެ އިން ލިބުނު ތަރައްޤީ ރަސްމާލެ އިން ގެންނަން އުނދަގޫ ވާނެ ކަމަށެވެ. އެއީ އެ ސަރަހައްދު މާލެއާ ގުޅިފައި ނެތުމުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެއާއެކު މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ރަސްމާލެ ތަރައްޤީ ކުރުމާއި، ފައިދާ ހޯދުމަށްޓަކައި އެތަނަށް އިޤްތިޞާދަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް