ތާރީޚީ ދަތުރުފުޅަށް ފަހު، ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
ލިޔުންތެރިޔާ
ޕާކިސްތާނު ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަތުން
ޕާކިސްތާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެނބުރި ރާާއްޖެ ވަޑައިގެންފި އެވެ.
ޕާކިސްތާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަަލުން އެނބުރި ރާއްޖެ ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ.
ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާން އަށް ވަޑައިގެންފައި ވަނީ އަންގާރަ ދުވަހުގެ ރޭ އެވެ. ދެ ދުވަހުގެ މުއްދަތަަކަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަަކށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ކެބިނެޓުގެ ފަސް މިނިސްޓަރުންނާއި، ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލު ކުރައްވައިފަ އެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި އެވެ. އެ ބައްދަލުވުމަށް ފަހު، ރާއްޖެ އާއި ޕާކިސްތާންއާ ދެެމެދު ވަނީ 20 އެމްއޯޔޫއެއްގައި ސޮއި ކޮށްފައި އެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގައި ޕާކިސްތާންގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ވަނީ ރައީސް މުޢިއްޒު އަށް އޮނަރަރީ ޑޮކްޓަރޭޓެއްގެ ޝަރަފު އަރުވައިފަ އެވެ. އެއީ ރާއްޖޭގެ ތަރައްޤީ އާއި، ޚާރިޖީ ދާއިރާގައި ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެމަނިކުފާނަށް އެރުވި ޝަރަފެކެވެ.
ހަމައެހެންމެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ޕާކިސްތާންގެ ސަރުކާރުގެ އެހެން އިސްވެރިންގެ އިތުރުން، ޕާކިސްތާން ނެޝަނަލް އެސެމްބްލީގެ ސްޕީކާ އާއި، ޕާކިސްތާން ސެނެޓުގެ ޗެއާމަންއާ ވެސް ރައީސް މުޢިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި މި ދަތުރުފުޅަކީ 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ، މި ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެ އާއި ޕާކިސްތާންގެ ބިޒްނަސް ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް