ވިއްސާރައިގެ ސަބަބުން ރާއްޖެ އާއި ހޮންގް ކޮންގް މެޗު ހުއްޓާލަން ޖެހިއްޖެ
ލިޔުންތެރިޔާ
ހޮންގް ކޮންގް މެޗުގެތެރެއިން -- ފޮޓޯ / ކްރިކެޓް ބޯޑް އޮފް މޯލްޑިބވްސް
އައިސީސީ ފިރިހެނުންގެ ޓީ-20 ވޯލްޑް ކަޕް އޭޝިއަން ސަބް ރީޖަނަލް ކޮލިފައިން ބީ ގައި ރާއްޖެއާއި ހޮންގް ކޮންގް ބައްދަލުކުރި މެޗު، ވިއްދސާރައިގެ ސަބަބުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
މެލޭޝިޔާގެ ވައިއެސްޑީ-ޔޫކޭއެމް ކްރިކެޓް އޯވަލްގައި އިއްޔެ މެޗުގެ ފުރަތަމަ އިންނިންގްސް ކުރިއަށްދަނިކޮށް މޫސުން ގޯސްވެ އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަންޖެހުމާ ގުޅިގެން، ދެ ޓީމަށްވެސް ލިބުނީ ޕޮއިންޓެކެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ގަސްތުކުރީ ފީލްޑް ކުރާށެވެ. އެގޮތުން މި އިނިންސްގައި ރާއްޖޭގެ އާދަމް ނާސިފް އުމަރު (އާދަޅޭ) ވަނީ ހޮންގް ކޮންގްގެ ނުރައްކާތެރި ދެ ބެޓްސްމަނުން ކަމަށްވާ ޒީޝާން އަލީއާއި ނިޒާކާތު ހާން ނުބައިކޮށްލައި، 26 ލަނޑަށް 2 ވިކެޓް ނަގައިފަ އެވެ.
ވާރޭ ވެހެން ފެށިއިރު މި އިނިންސްގައި ހޮންގް ކޮންގް ވަނީ 13 އޯވަރުގެ ތެރޭގައި 3 ވިކެޓަށް 104 ލަނޑު ހަދައިފަ އެވެ.
މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ދަނޑު ބޭނުން ނުކުރެވޭވަރަށް ފެންބޮޑުވުމުން، ރާއްޖެއަށް ދެވަނަ އިންނިންގްސްގެ ކުޅުން ފަށަން ފުރުސަތެއް ނުލިބުނެވެ. ނަތީޖާއަކަށްވީ، މެޗުން ނަތީޖާއެއް ނުނުކުންނާތީ، ޕޮއިންޓް ބަހާލަން ޖެހުމެވެ.
މި ގުރޫޕް އެއްވަނައިގައި ޖުމްލަ 8 ޕޮއިންޓާ އެކު އޮތް ސައުދީ އަރަބިއްޔާ ވަނީ ރީޖަނަލް ފައިނަލުން ޖާގަ ޔަގީން ކޮށްފަ އެވެ.
ގުރޫޕްގެ ދެވަނައިގައި އޮތް ހޮންގް ކޮންގް އަށް 5 ޕޮއިންޓް ލިބިފައި ވާއިރު، މެލޭޝިއާ އާއި ސިންގަޕޫރަށް ވަނީ 4 ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ ތިން ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް އިރު ޗައިނާ އަށް ހަތަރު މެޗުން ވެސް ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖޭގެ ފަހު މެޗުގައި މާދަމާ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް