ހެވީ ވެހިކަލްތައް ވަކި ގަޑިއެއްގައި ދުއްވޭގޮތަށް ބަދަލުކުރަން އެބަ މަސައްކަތްކުރަން: ސައީދު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު ސައީދު ---
ހެވީ ވެހިކަލްތައް ވަކި ގަޑިއެއްގައި ދުއްވޭގޮތަށް ބަދަލުކުރަން މަސައްކަތްކުރާކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެބަދަލު ގެނައުމުގައި ވަރަށް ގިނަ ގޮތް ގޮތުން ބަލަން ޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ މާލެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ސިޓީއެއްކަމަށާއި، ވަކި ގަޑިއެއްގައި ހެވީ ވެހިކަލް ދުއްވޭ ގޮތަށް ހަދައިފިނަމަ މަގުތަކަށް ލުއިކަމެއް ލިބޭނެކަމަށެވެ.
ނަމަވެސް މާލެއަކީ ގިނަ ވިޔަފާރިތަކެއް ހިންގާ ސިޓީއަކަށްވުމުން ކި ގަޑިއެއްގައި ހެވީ ވެހިކަލް ދުއްވޭ ގޮތަށް ހަދައިފިނަމަ އެކަމުގެ ބުރަ އެ ވިޔަފާރިތައް އުފުލަން ޖެހިއްޖެނަމަ އެ ބުރައަކީ ޖުމުލަކޮށް ހުރިހާ ރައްޔިތުން އުފުލަން ޖެހިދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެގޮތަށް އުސޫލު ބަދަލުކުރިކަމަށާއި، އޭރު ވިޔަފާރިކުރުމުގެ ގަޑިތަކަށް އައި ބަދަލާއެކު ވިޔަފާރިތަކަށް އަދި ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫތަކެއް އައިކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އުނދަގޫތަކުގެ ސަބަބުން އަނެއްކާ އެ ވާހަކަތައް އަޑުއަހައި އެ ގަވައިދަށް ބަދަލު ގެންނަން ޖެހުނީކަމަށެވެ.
ވަކި ގަޑިއެއްގައި ހެވީ ވެހިކަލް ދުއްވޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރައްވާތާ މިހާރު 4 މަސް ވެއްޖެކަމަށާއި، ހުރިހާ ފަރާތްތަކުގެ ހިޔާލު އެއްގޮތްކުރެވޭ ސިޔާސަތެއް އަދި ނުލިބޭކަމަށް އޭޏާ ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީން ބަލަނީ ވިހާ ގިނަ ފަރާތްތަކުގެ ހިޔާލު އެއްގޮތްވާ އެއް ގޮތަކަށް އެ އުސޫލު ބަދަލުކުރަންކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް